އިސްލާމްއާބާދު (ޖޫން01): އެމެރިކާ އިން ޕާކިސްތާނަށް އިސްވެ ޙަމަލާދީ ތާލިބާނުންގެ ނައިބު ޒަޢީމް ވަލިއްޔުއްރަޙްމާން މަރާލި މައްސަލަ ޕާކިސްތާނުގެ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކުރެއްވި މުހައްމަދު ނަވާޒް ޝަރީފް ކުށްވެރިކުރައްވައިފި އެވެ.

އެމެރިކާ ހިންގި މިޖަރީމާ ކުށްވެރިކުރައްވަމުން (ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިސްވެ ވަޑައިގެންނެވުމަށް ތައްޔާރުވެ ވަޑައިގަންނަވާ) ނަވާޒް ޝަރީފު އިއްޔެ ވިދާޅުވީ އެމެރިކާގެ މިޙަމަލާއަކީ ޕާކިސްތާނުގެ މިނިވަންކަމަށާއި ސިޔާދަތައް އިޙްތިރާމް ނުކުރުމުގެ ޢަމަލެއް ކަމުގަ އެވެ. މީހުން މެރުމުގެ ނިޔަތުގައި ޕާކިސްތާނަށް އެމެރިކާ ދޭ މިފަދަ ޙަމަލާތަކާ މެދު ހިތާމަކުރައްވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. ނަވާޒް ޝަރީފުގެ ވާހަކަތައް ހުރީ ކޯފާގެ ރޫހެއްގައި ކަމަށް މުރާސިލުން ސިފަކުރެ އެވެ.

ނަވާޒް ޝަރީފުގެ ޕާޓީން ވަނީ މިއަށް ވުރެ ހަރުކަށި ޢިބާރާތުން އެމެރިކާގެ މިޢަމަލު ކުށްވެރިކޮށްފަ އެވެ. ނަވާޒް ޝަރީފުގެ މުސްލިމް ލީގް -ނަވާޒް- ޕާޓީން ނެރުނު ބަޔާނެއްގައި އެމެރިކާގެ މިޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޗާޓަރަށް ގޮންޖެހުމުގެ ހަރުކަށި ޢަމަލެއް ކަމަށް ސިފަކޮށް އެމެރިކާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ. އަދި އެމެރިކާ އިން ޕާކިސްތާނުގެ މިނިވަން ކަމަށާއި ސިޔާދަތަށް ފާޅުގައި އަރައިގަންނަމުންދާ ކަމަށް ވެސް ނަވާޒް ޝަރީފުގެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕައިލެޓަކާނުލާ ދަތުރުކުރާ ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން ޕާކިސްތާނަށާއި ޔަމަންފަދަ ގައުމުތަކަށް އެމެރިކާ ދެމުންގެންދާ ޙަމަލާތަކަކީ ސްޓޭޓް ޓެރަރިޒަމްގެ ޢަމަލުތަކެއް ކަމަށް ބައެއްފަރާތްތަކުން ސިފަކުރާ އިރު އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އެމެރިކާގެ މިހަރުކަށި ޢަމަލުތައް ސިފަކުރަނީ ގަސްދުގައި މީހުން މެރުމުގެ ޖަރީމާތަކެއްގެ ގޮތުގަ އެވެ.

ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން އެމެރިކާ ހިންގާ މީހުން މެރުމުގެ ޢަމަލުތަކަކީ ވެސް ބޮންގޮއްވައިގެން އަލްޤާޢިދާއާއި ތާލިބާނުން ހިންގާ ބާވަތުގެ ޓެރަރިޒަމްގެ ޢަމަލުތައްފަދަ ޢަމަލުތަކެއް ކަމަށް މިފަރާތްތްތަކުން ސިފަކުރަނީ މިދެބާވަތުގެ ޙަމަލާތަކުން ވެސް ކުށެއްނެތް ޢާންމުން މަރުވަމުންދާތީ އެވެ. އެހެންކަމުން މިޖަރީމާތައް ހިންގުމުގެ ފަހަތުގައިވާ އެމެރިކާގެ އިސްވެރިން ބައިނަލްއަޤްވާމީ ޢަދާލަތަށް ޙާޒިރުކުރުމަށް ވެސް ބައެއްފަރާތްތަކުން ގޮވާލަމުން ދެ އެވެ.

ޕާކިސްތާނުގެ ވަޒީރުސްތާނަށް ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން އެމެރިކާ ދިން ވައިގެ ޙަމަލާތަކެއްގައި ތާލިބާންގެ ދެވަނަ އަށް އެންމެ އިސްވެރިޔާ ވަލިއްޔުއްރަޙްމާން މަރުވެފައި ވަނީ މިދިޔަ ބުދަދުވަހު އެވެ. ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ތާލިބާނުން ކުރަމުންގެންދާ ހަނގުރާމައިގާ ވަލިއްޔުއްރަޙްމާނަކީ ޢަމަލީ ގޮތުން ޙަރަކާތްތެރިވާ ފީލްޑް ކޮމާންޑަރެއްކަމަށް ޕާކިސްތާން ސަރުކާރުން ބުނެ އެވެ. ދެހާސް ނުވަ ވަނަ އަހަރު އަފްޣާނިސްތާނުގައި އެމެރިކާގެ ޖާސޫސީ ހަތްއެޖެންޓަކު މަރާލި ބޮމުގެ ހަމަލާގެ ފަހަތުގައި ވަލިއްޔުއްރަޙްމާން ވާކަމަށްއެމެރިކާ ތުހުމަތުކުރެ އެވެ. އަދި އޭނާ ހައްޔަރު ކުރެވޭ ފަދަ މަޢްލޫމާތެއްފޯރުކޮށްދިން ފަރާތަކަށް ފަސް މިލިޔަން ޑޮލަރުގެ އިނާމެއް ވެސް އެމެރިކާހުށަހަޅާފައިވެ އެވެ. (ނޫސްއެޖެންސީތައް(