ކުލަބްއީގަލްސްއާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)ގެ ތަފާތަކީ އޭވައިއެލްއަށް ކުޅޭ ސިއަރެލިއޯން މިޑްފީލްޑަރު އަބޫ ޑެސްމޮންޑް މަންސާރޭ (އަބޫ) ކަމަށް އީގަލްސްގެ ކޯޗު އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ބުނެފިއެވެ.

އިއްޔެ ހަވީރު އޭވައިއެލްއަތުން 2-0 ން ބަލިވި މެޗަށްފަހު ސާންތީ ބުނީ އެ މެޗުގައި އޭނާގެ ކުލަބަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއްވަރެއްގައި ކުޅުން ނުހިފެހެއްޓުން ކަމަށާއި އަދި އެފަދަ ބޮޑު ތަފާތެއް ފެންނަން މެދުވެރިވީ އޭވައިއެލްގެ އަބޫގެ ސަބަބުން ކަމަށެވެ.

"ކުޅުން މަސައްލައަކަށް މިވަނީ އެއްވަރެއްގައި ނުހިފެހެއްޓުން. ވަރަށް ރަނގަޅަށް ކުޅެލާފައި ނުހިފެހެއްޓި އަނެއްކާވެސް ހިނގައިދާނެ ވަރަށް ރަނގަޅަށް ކުޅެލާފަ ހިނގައިދާނެ،" ސާންތީ ބުންޏެވެ. "މީގަ ހަމަ މިފެންނަނީ މިއަދުގެ މެޗު ބަލާލީމަވެސް އެނގޭނެ، އީގަލްސްއާ އޭވައިއެލްގެ ތަފާތަކީ އަބޫ. އޭނަ އަތުގަ އޮންނަ ބޯޅައެއް އަޅުގަނޑުމެންގެ ފަސް ހަ ކުޅުންތެރިންނަށްވެސް ނުހޯދިފަ މި އޮންނަނީ"

ސާންތީ ބުނީ އީގަލްސްއަށް އަބޫފަދަ ކުޅުންތެރިއެއްގެ މުހިންމުކަން ވަރަށް ބޮޑު ކަމަށާއި އެފަދަ މޮޅު ކުޅުންތެރިއަކު ނެތުމަކީ ކުލަބަށް މިވަގުތު ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"މިއީ މި ފެންނަ ތަފާތަކީ. އަޅުގަނޑުމެންގެ ކުރިއަށް ކުޅެން މި [އަބޫ] ފެންވަރުގެ ކުޅުންތެރިއަކު ނެތީ. ދެން އާއްކޮ [އަހްމަދު އިމާޒު] ވެސް އަދިވެސް އެނބުރި ނާދޭ. އެހެންވީމަ މިފަދަ ކުޅުންތެރިން... އާއްކޮ ޙާއްސަކޮށް އެނބުރި އައިމަ މިއަށްވުރެ ރަނގަޅުވާނެ އަޅުގަނޑުމެން،" ސާންތީ ބުންޏެވެ.

އީގަލްސްގައި މިވަގުތު ހުރި އެންމެ މުޙިއްމު އެއް ކުޅުންތެރިއަކީ އާއްކޮ އެވެ. އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ދުވަސްތަކެއް ހޭދަ ކުރުމަށްފަހު މިހާރު މެޗުތަކުގައި ކުޅެން އެރި ނަމަވެސް އާއްކޮގެ ކުޅުމުގެ އަސްލު ފެންވަރު ފެންނަ ގޮތެއް އަދި ނުވެއެވެ.

"އާއްކޮ އެހާ ގިނަ ދުވަހު ނުކުޅެ ހުރީމައި އާއްކޮއަށް އަދިވެސް އެއުޅެނީ މެޗު ފިޓްނަސްއާއި މެޗު މުޅިން ތަފާތުވެގެން. އެހެންވީމަ އަދިވެސް އާއްކޮ އެއުޅެނީ މެޗަށް އެނބުރި ނާދެވިގެން. އެކަމަކު ކުރިއަށް އޮތްތާނގައި އަދިވެސް އާއްކޮ އަޅުގަނޑު ބޭނުން ކުރާނަން. އާއްކޮއަކީ އަޅުގަނޑު ވަރަށް އިތުބާރު ކުރާ ކުޅުންތެރިއެއް އަދި އަޅުގަނޑު ފުރުސަތު ދޭންވެސް ބޭނުންވާ ކުޅުންތެރިއެއް. އެހެންވީމާ ފަހުން އަދި އާއްކޮގެ ފައިދާ ޓީމަށް ފެންނާނެ،" ކުލަބުގެ ޒުވާން ސްޓްރައިކަރާ ބެހޭ ގޮތުން އީގަލްސްގެ ކޯޗު ބުންޏެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރުގެ މެޗު ތަކާއެކު ލީގުގައި މިހާތަނަށް އެކުލަބުން ނުވަ މެޗު ކުޅެފައިވާ އިރު މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ތިން މެޗު އެއްވަރު ވެފައިވާއިރު ހަތަރު މެޗުން އީގަލްސްވަނީ ބަލިވެފައެވެ. އަދި ނުވަ ޕޮއިންޓާއެކު ޕޮއިންޓުގެ ގޮތުން ވީބީ އައްޑޫ އެފްސީއާ ހަމަހަމަވެ ބައިކޮޅަށް ވަދެފައިވާ ގޯލްގެ ތަފާތުން ތާވަލުގެ ފަސްވަނައިގާ އޮތް އެކުލަބުގެ މި ސީޒަންގެ އަމާޒަކަށް ވެފައިވަނީ ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނުންކަމަށްވެސް ސާންތީ ބުންޏެވެ.