01 Jun 2013, 09:58
މިދިޔަ ސީޒަންގައި ލިވަޕޫލަށް 44 މެޗު ކުޅެ، 30 ގޯލު ކާމިޔާބު ކޮށްދީފައިވާ އުރުގުއާއީ ފޯވާޑް ލުއިސް ސުއަރޭޒް ވިއްކާލަން ނިންމާފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.
އިނގިރޭސި މީޑިއާތައް ބުނާގޮތުން، ލިވަޕޫލުން ސުއަރޭޒް ވިއްކާލަން ބޭނުން ވަނީ ބޮޑު އަގެއް ގައި ކަމަށެވެ. އެހެން ނަމަވެސް ސުއަރޭޒް ވިއްކާނެ ވަކި އަގެއް ލިވަޕޫލުން އަދި ހާމަ ކޮށްފައި ނުވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އެހެން ނަމަވެސް އިނގިރޭސި މީޑިއާތަކަށް ލިވަޕޫލްގެ މެނޭޖިން ޑިރެކްޓަރު އިޔާން އާރު ދީފައިވާ އިންޓަވިއުގައި ވިދާޅުވެފައި ވަނީ، ސުއަރޭޒް އަކީ ލިވަޕޫލަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާ ވިއްކާލަން އަދި ލިވަޕޫލުން ނިންމާފައި ނުވާކަމަށެވެ.
ސުއަރޭޒް ބުނީ، ލިވަޕޫލް ދޫކޮށްދާން ބޭނުންވާ ކަމަށާއި މިހާރުވެސް ބޮޑެތި ކުލަބް ތަކުން ލިބިފައިވާ ހުށަހެޅުންތަކާ މެދު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
"އަހަރެން މިހާރު ބޭނުމީ ކުލަބް ދޫކޮށް ދާން. ދާނެ ވަކި ކުލަބެއް އަދި ނުނިންމަން. އެކަމަކު ރެއާލް މެޑްރިޑުން އަހަންނާ ވާހަކަ އެބަ ދައްކާ. އަހަރެން ރެއާލް މެޑްރިޑުން ލިބޭ ހުށަހެޅުމަށް ނޫނެކޭ ނުބުނާނަން." ސުއަރޭޒް ބުންޏެވެ.
ސުއަރޭޒް އާއި އެކު ލިވަޕޫލް އިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން 2016 ވަނަ އަހަރާއި ޖެހެންދެން އޭނާ އެ ކުލަބުގައި މަޑުކުރަން ޖެހެއެވެ.