ޣައްޒާ ( ޖޫން 01): ސުލްޙައިގެ ނަމުގައި އެމެރިކާ ކުރިޔަށްގެންދާ ޙަރަކާތްތަކަކީ އިސްރާއީލުގެ އަނިޔާވެރިކަން އޮއްބާލައި ފަލަސްތީނުގެ ޙައްޤުތައް އެއްފަރާތްކޮށްލުމަށް މަކަރުވެރި ރޭވުމެއްގެ ދަށުން އެމެރިކާ ކުރިއަށްގެންދާ ކަންތައްތަކެއް ކަމަށް ޙަމާސްޖަމާއަތުން ސިފަކޮށްފި އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ހަތިޔާރުގެ ޖިހާދެއް ކުރަމުން ގެންދާ ޙަމާސްގެ އިސްވެރިއެއް ކަމަށްވާ ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިސްމާޢީލް ހަނިއްޔާ ވިދާޅުވީ އެމެރިކާ އިސްވެއޮވެގެން ފަލަސްތީނުގެ ޙައްޤުތައް ހޯދައިދޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް ކަމުގަ އެވެ. އެމެރިކާ ހިންގާ ސުލްޙައިގެ މަސައްކަތަކުން މިހާތަނަށް ފަލަސްތީނަށް ލިބިފައި ވަނީ ކޮންފައިދާއެއްތޯ ވެސް ހަނިއްޔާ ސުވާލުކުރެއްވި އެވެ. އަދި އެމެރިކާ ހިންގާ ސުލްޙައިގެ މަޝްރޫޢު ބިނާވެފައި ވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް އަބުރައި ފަލަސްތީނަށް ލިބިދިނުމާއި ވަޒަނުން ބޭރުކޮށްލެވިފައިވާ ފަލަސްތީނުގެ ރައްޔިތުން އެމީހުން ވަޒަނަށް ރުޖޫޢަކުރުމުގެ މައްޗަށް ކަމަށްނުވާތީ މިމަޝްރޫޢުގެ ބޭނުމާމެދު ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން އިތުރަށް ވިސްނުމަށް ހަނިއްޔާ ގޮވާލެއްވި އެވެ.

އެމެރިކާ އިސްވެ އޮވެގެން 18 އަހަރު ވަންދެން ކުރިޔަށް ގެންދިޔަ ސުލްޙައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމިފައި ވަނީ 2008 ވަނަ އަހަރުގަ އެވެ. އަށާރަ އަހަރުގެ ވާހަކަތަކުން ފަލަސްތީނަށް ޙާސިލް ކުރެވުނު ކަމެއް ލިބުނު ޙައްޤެއް ނޫނީ މިނިވަންކުރެވުނު ބިމެއްނެތް ކަމަށްވެސް ހަނިއްޔާ ވިދާޅުވި އެވެ. އެމެރިކާ އަނެއްކާ ވެސް ގެންދަނީ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމުގެ ނަމުގައި އިސްރާއީލާއި ފަލަސްތީނާ ދެމެދު ޑިޕްލެމެޓިކް ޙަރަކާތްތަކެއް ހިންގަމުންނެވެ.

މިޙަރަކާތްތައް ހިންގައި ސުލްހައިގެ ނަމުގައި އިސްރާއީލާ އެކު ވާހަކަތައް އަލުން ފެށުމަށް ފަލަސްތީނުގެ ޒަޢާމަތު އެއްބަސް ކުރުވުމަށް އެމެރިކާ މަސައްކަތްކުރަނީ ފަލަސްތީނުގެ ބައެއް ލީޑަރުންނަށް ފައިސާއާއި ރިޝްވަތު ދީގެން ކަމަށް މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ޖަމާއަތްތަކުގެ މުޖާހިދުން ތުހުމަތުކުރެ އެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް އެމެރިކާ މަސައްކަތްކުރަނީ އެމެރިކާއަށް ތާއީދުކުރާ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްފަދަ ޑިކްޓޭޓަރުންގެ ވެރިކަމުގެ ނިޒާމްތައް ވެއްޓިގެންދިޔުމުގެ ސަބަބުން އެމެރިކާގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި ކުޑަވެފައިވާތީ އެނުފޫޒު އަލުން ހޯދުމުގެ ބޭނުމުގައ ކަމަށް މުޙައްލިލުން ދެކެއެވެ. (އަލްޖަޒީރާ)