28 Oct 2010, 10:45
ސިއްހީ ހިދުމަތް ދިނުމުގައި އިހްމާލު ވުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ބިލެއް ޑީއާރުޕީން އެކުލަވާލައިފި އެވެ.
އެ ބިލާ ބެހޭ މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ، އެ ބިލަކީ، ރާއްޖޭގެ ސިއްހީ ފެންވަރު ދަށްވެ ބޭސް ނުލިބުމާއި ފަރުވާ ދިނުމުގައި އިހްމާލްވުމުގެ ސަބަބުން ލިބޭ ގެއްލުންތައް އިތުރުވަމުންދާތީ، އާއްމުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން އެކުލަވާލި ބިލެއް ކަމަށެވެ. އަދި އެ ބިލުގެ މައިގަނޑު އަމާޒެއްގެ ގޮތުގައި ބިލުގައި އެކުލަވާލާފައި ވަނީ، ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތަކާއި ގެއްލުންލިބޭ ބަލި މީހުންނަށް ބަދަލު ނަގައިދިނުމުގެ އުސޫލުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިލުގައި ދެގޮތަކަށް ބަދަލު ނަގައިދިނުން ހިމަނާފައި މި ވަނީ. އޭގެ ތެރޭގައި އިގްތިސޯދީ ބަދަލާއި ޣައިރު އިގްތިސޯދީ ބަދަލު ހިމެނޭ. މިސާލަކަށް، އެ ފަރާތަކަށް ލިބެން ޖެހޭ ފައިސާގެ އިނާޔަތްތައް ލިބެންޖެހޭނެ. އަދި ގުނަވަނަކަށް ގެއްލުމެއް ލިބިގެން މުސްތަގުބަލުގައި މަސައްކަތް ނުކުރެވޭ ނަމަ އެކަމުގެ ބަދަލު ވެސް ލިބޭ ގޮތަށް ބިލުގައި ހިމަނާފައި ވަނީ. އަދި މި ބިލުގައިވާ ގޮތުން ބަދަލު ނަގައިދެވޭނީ ހަމައެކަނި ފައިސާ ދައްކައިގެން ހޯދާ ހިދުމަތުން ލިބޭ ގެއްލުމަށް." ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ އަދި ވިދާޅުވީ، މަޝްވަރާކުރުމަށް، މި ބިލު، ނަސް އެސޯސިއޭޝަނާއި ޑޮކްޓާސް އެސޯސިއޭޝަނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން ބިލުގައި ހިމަނަން ބޭނުންވާ މައުލޫމާތެއް އޮތް ނަމަ އެކަމެއް ހިމަނައި ވަރަށް އަވަހަށް ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.