01 Jun 2013, 09:36
އެކި ނުކުޅެދުންތައް ހުންނަ ކުދިންނާއި މީހުންނަކީ ވެސް އެހެން މީހުންނެކޭ އެއްފަދައިން އެންމެހާ އިންސާނީ ހައްގުތައް ލިބެންޖެހޭ ބައެކެވެ. މިކަމަށް ކޮންމެ މީހަކު ވެސް އެއްބަސްވެ އެވެ. ނަމަވެސް މިކަން ރާއްޖޭގައި ތަންފީޒުވަނީ ކިހާވަރަކަށްތޯ، މިއީ އުފެދޭ ސުވާލެކެވެ.
ރައްޔިތުންގެ އިންސާނީ ހައްގުތައް އެމީހުންނަށް ލިބިދެވޭކަން ކަށަވަރު ކުރުމަށް އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިހާރު ވަނީ މިކަމަށް ތެދުވެފަ އެވެ. އެންމެންނަށް ވެސް ލިބެންޖެހޭކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގެއް ކަމަށްވާ ތައުލީމު ލިބުމުގެ ހައްގު، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ލިބިދެނީ ކިހާވަރަކަށް ކަން ބެލުމަށް އެޗްއާރުސީއެމް އިން އަންނަނީ ތައްޔާރުވަމުންނެވެ.
"ނެޝަނަލް އިންކުއަރީ އޮން އެކްސެސް ޓް އެޑިއުކޭޝަން ފޯ ޗިލްޑްރަން ވިތު ޑިސްއެބިލިޓީޒް"ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ތަހުގީގެއް ހިންގުމުގެ މަސައްކަތް އެޗްއާރުސީއެމް އިން މިހާރު ވަނީ ފަށާފަ އެވެ. މި އަހަރުގެ ފަހު ކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަ ތަހުގީގަށް ބޭނުންވާ ބައެއް ހޯދުންތައް މިހާރު ވަނީ ހޯދާފަ އެވެ.
އެޗްއާރުސީއެމްގެ ރައީސާ މަރިޔަމް އަޒްރާ ވިދާޅުވީ އެ ތަހުގީގުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ތައުލީމު ލިބިދިނުމުގެ ކަންތައްތައް ރާއްޖޭގައި އޮތް ގޮތް ގައުމީ ފެންވަރެއްގައި ބަލައި އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
"މިތަހުގީގުގެ ބޭނުމަކީ އެފަދަ ކުދިންނަށް ތައުލީމު ލިބިދިނުމުގައި ހުރި މައްސަލަތައް ބަލައި، އެ މައްސަލަތަކަށް އެޑްރެސް ކުރުމަށް ދައުލަތުގެ އެންމެހާ ފަރާތްތައް ހޭލުންތެރި ކުރުވުން،" އަޒްރާ ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހާލަތު ދެނަގަތުމަށް އެޗްއާރުސީއެމްގެ މިހާތަނަށް ހޯދާފައިވާ ހޯދުންތަކުން ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ފާހަގަ ކުރެވެ އެވެ. ކަންބޮޑުވާން ޖެހޭ އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައި ދިނުމަށް ތަމްރީނުވެފައިވާ ޓީޗަރުން ރާއްޖޭގައި އިންތިހާއަށް މަދުކަމެވެ. މިހާރު ތަމްރީނު ވަމުން އަންނަ ޓީޗަރުންނަށް އެ ދާއިރާ އިން ކިޔަވައި ދެނީ ވަރަށް ކުޑަ މިންވަރެކެވެ. ނުކުޅެދުންތެރިކަމުގެ ހުންނަ އެކިއެކި ކުދިންނަށް ފަރުވާ ބަހައްޓަން ޖެހޭ ގޮތާ މެދު ޓީޗަރުންގެ ހޭލުންތެރިކަން ވަރަށް ކުޑަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައި ދިނުމަށް ބޭނުންވާ އާލާތްތައް ސްކޫލްތަކުގައި ނެތުމަކީ ވެސް އޮތް ދަތި ކަމެކެވެ. ބިލްޑިންގް ކޯޑެއް ނެތުމުގެ ސަބަބުން ސްކޫލްތަކުގެ އިމާރާތްތައް ވެސް ހުންނަނީ އެފަދަ ކުދިން ގޮސް އުޅެވޭ ފަދަ ގޮތަކަށް ނޫނެވެ.
މިކަމާމެދު ކަންބޮޑުވަނީ އާންމު ފަރުދުންނެއް ނޫނެވެ. އެ ގޮންޖެހުންތައް ތަހައްމަލް ކުރަންޖެހެނީ ކުޅެދޭ އިންސާނުންނެއް ނޫނެވެ. ނުކުޅެދޭ ކުދިންނަށް ދިމާވަމުންދާ ދަތިތަކުގެ އުދާސްތަކުގައި ބަރުބާދުވަމުންދަނީ އެ ކުދިންގެ މައިންބަފައިންނެވެ.
"ވީލްޗެއާގައި ސްކޫލަށް ދެވުނު ނަމަވެސް ސްކޫލްގެ އިމާރާތް ހުންނަ ގޮތުން ވީލް ޗެއާގައި ނޫޅެވޭ، ނަމަވެސް ދަރިވަރުންނާއި ޓީޗަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭތީ ސްކޫލްގައި ހަރަކާތްތެރި ވެވޭ،" ނުކުޅެދުންތެރިކަން ހުރި ކުއްޖެއްގެ ބެލެނިވެރިއަކު އެޗްއާރުސީއެމްގެ އޮފިޝަލުންނާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.
ފާހަގަ ކުރެވިފައިވާ ދެރަ އަނެއް ކަމަކީ އެފަދަ ކުދިންނަށް އަޅާ ނުލާ ބައެއް ބެލެނިވެރިން އެކުދިންނާ މެދު އިހާނެތި ކަންތައްތައް ވެސް ކުރާ ކަމެވެ. އެފަދަ ކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކަންތައްތައް ފެންމަތި ވެފައިވާ އިރު އެކުދިންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ވެސް ކުއްޖާ ބަލަހައްޓާ މީހުން ނޫން އެހެން ބަޔަކު ބޭނުން ކުރުން ފަދަ ކަންތައްތައް ވެސް އަންނަނީ ހިނގަމުންނެވެ.
އެޗްއާރްސީއެމްގެ ޕްރީ ވިޒިޓްތަކުގައި ހުރިހާ ދާއިރާތަކެއްގެ މީހުން ވެސް ދައްކާފައިވާ ވާހަކަތަކުން އެނގެނީ ނުކުޅެދުންތެރިކަމާ މެދު މުޅި ރާއްޖޭގައި ވެސް ހޭލުންތެރިކަން ނެތް ކަމެވެ. އެފަދަ ކަންކަމާ މެދު އާންމުން "ލޯބޯކޮށި" ކަމުން ނުކުޅެދުންތެރިކަން ހުންނަ މީހުން ދެނެގަންނަން ވެސް އެތައްް ދުވަހެއް ހޭދަވެ އެވެ.
އެޗްއާރުސީއެމްގެ ތަހުގީގު ފެށުމަށް ކުރި ޒިޔާރަތްތަކުން ފާހަގަކުރެވިފައިވާ ގޮތުގައި، ކުއްޖެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރެގެން ސްކޫލަކުން އެކަން ފާހަގަކޮށް، ކުއްޖާ ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދިނަސް ބައެއް ބެލެނިވެރިން އަޅައެއް ނުލަ އެވެ. ބެލެނިވެރިންގެ ހޭލުންތެރިކަން ނެތުމުގެ ސަބަބުން ކުރިމަތިވާ އަނެއް މައްސަލައަކީ ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖަކަށް ސްކޫލްގައި އެހެން ކުދިންނާ ތަފާތު ގޮތްތަކެއް ހަމަޖައްސައިފި ނަމަ، ތަފާތުކުރުން ގެންގުޅެނީ ކަމަށް ހީކުރުމެވެ. ތައުލީމީ މާހައުލުގައި އަމިއްލަ ދަރިފުޅަށް ބޭއިންސާފު ގޮތަކަށް އަމަލު ކުރަނީ ކަމަށް ބެލެނެވެރިން ދެކެމުންދެ އެވެ. ދަރިވަރުންނަށް ވެސް އެހެން އިހުސާސްވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
ސްކޫލްތަކުގައި ކިޔަވާ ކުދިން ގައިގައި އެއްވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުރިތޯ ބެލުމަށް ކުރިން ހިންގި ޕްރޮގްރާމް ވެސް މިހާރު ހުއްޓިއްޖެ އެވެ. ބެލެނިވެރިންގެ އެއްބާރުލުން ނުލިބިގެން އެ ޕްރޮގްރާމް ނުހިންގޭތާ މިހާރު ދެ އަހަރު ވެއްޖެ އެވެ.
ސިއްހީ ދާއިރާއިން ފާހަގަ ކުރެވިފައިވާ އަނެއް މައްސަލައަކީ ސައިކޮލޮޖިސްޓުން ފަދަ ސްޕެޝަލައިޒްޑް ޑޮކްޓަރުން ރަށްރަށުގައި ނެތުމެވެ. އެހެންވެ، ރަށްރަށުގައިވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދަފްތަރު ވެސް އަޕްޑޭޓްވަމުންނެެއް ނުދެ އެވެ.
މިކަންތައްތަކަކީ އެޗްއާރުސީއެމް އިން ހިންގަން އުޅޭ ނެޝަނަލް އިންކުއަރީ އަށް ތައްޔާރުވުމުގެ ގޮތުން ކުރި ޒިޔާރަތްތަކުން ލިބުނު މައުލޫމާތެވެ. ނުކުޅެދުންތެރިކަން ހުރި ކުދިންގެ ތައުލީމަށް އެޅިފައިވާ ހުރަސްތަކާއި އެކަންތައްތައް އިސްލާހުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސާފުވެގެން ދާނީ އެޗްއާރްސީއެމްގެ ނެޝަނަލް އިންކުއަރީ ނިމުމުންނެވެ.
އެ ތަހުގީގަށް މައުލޫމާތު ހޯދުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށާއި ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.
ތަހުގީގު އަދި ނުނިމި އޮތް ނަމަވެސް މިހާރުން މިހާރަށް ވެސް އެނގޭ ކަމަކީ ރާއްޖޭގައި ނުކުޅެދުން ތެރިކަން ހުރި ގިނަ ކުދިންނަށް ތައުލީމު ލިބުމުގެ ދޮރުތައް ހުރީ ގާތްގަނޑަކަށް ބަންދުވެފައި ކަމެވެ. އެކަމުގެ ޒިންމާ ރާއްޖޭގެ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއާއި ބެލެނިވެރިން ވެސް އުފުލަން ޖެހޭ ކަމެވެ. މުޖުތަމައަށް ނުހަނު ބޭނުން ހުރި ބަޔަކަށް ހެދޭނެ އެފަދަ ކުދިން ގިނަކޮށް، ބާކީ ކުރަން ޖެހޭ އެއްވެސް ސަބެބެއް ނެތެވެ.