ރޭ ފަތިހު ބޮޑުތަކުރުފާނުމަގުން ރަސްމީ ފާލަންކައިރީގައި ޑިއުޓީ ކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖައްސައި ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ފުލުސް އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގުގައި ފުލުހުން ވީސީޕީ ޖަހައިގެން ސައިކަލްތައް ޗެކުކުރަމުން ދަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންސްޓެބަލް މިސްބާހު އަބްދުﷲ،22، ނަސީމީވިލާ ބ. ހިތާދޫގައިގައި ގަސްތުގައި ޖެއްސި ކަމަށާއި އަދި އެވަގުތު އޭނާ ވިއްސައިގެން ގޮސް ޖެހުނީ 80 ވަރަށް ފޫޓު ދުރުގައި ކަމަށެވެ. އަދި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސުމާ އެކު ޖެއްސި ސައިކަލްގައި ތިބި ދެ މީހުނާ އެކު އެ ސައިކަލް ވެސް ގޮސް އެ ތަނުގައި ހުރި ދިދަދަނޑިއެއްގައި ޖެހި އެ ދެ މީހުންނަށް ވެސް އަނިޔާވި ކަމަށެވެ. އަދި އެ ދެ މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިސްބާހު ވިއްސައިގެން ގޮސް ޖެހުމުން އޭނާގެ ކަނދުރާ އާއި ފައި ބިނދި ބޮޑެތި ޒަޚަމްތަކެއް ހަށިގަނޑަށް ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސިކުނޑި މަސައްކަތް ނުކުރާ ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސައިކަލުން ފުލުސް އޮފިސަރުގެ ގައިގައި ޖެއްސި ދެ މީހުންނަށް ފަރުވާދިނުމަށް ފަހު މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.