ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގެ ހަތަރު ވަނަ މެޗުގައި މިދިޔަ ހޯމަ ދުވަހު ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން 2-0 ން މޮޅުވި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) މިއަދު ހަވީރު ކުލަބު އީގަލްސް އަތުން ވެސް 2-0 ލަނޑުން މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އޭވައިއެލްގެ ފުރަތަމަ ލަނޑު ޓީމަށް ކާމިޔާބު ކޮށްދިނީ މޫސާ ޙަސަން އެވެ. އަދި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އޭވައިއެލްގެ ދެވަނަ ލަނޑު ފަހުހާފުގެ 78 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ކުރިން ވީބީއަށް ކުޅުނު ސިއަރަލިއޯން މިޑްފީލްޑަރު އަބޫ ޑެސްމޮންޑް މަންސާރޭ (އަބޫ) އެވެ.

ލީގުގެ ފުރަތަމަ ބުރު ލަނޑެއް ކާމިޔާބު ނުކުރެވި އެންމެ ޕޮއިންޓަކާއެކު ނިންމާލި އޭވައިއެލް ފުރަތަމަ ބުރުގައި އީގަލްސްއާ ބައްދަލުކުރި މެޗުން ބަލިވެފައިވަނީ 4-0 ލަނޑުން ނެވެ. އެހެން ނަމަވެސް ދެވަނަ ބުރުގެ ކުޅުން ފެށުނު ފަހުން އޭވައިއެލް އަންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުންކަން ފާހަގަ ކުރެވެ އެވެ.

މިއަދުގެ މެޗަށްފަހު އޭވައިއެލްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ތިން ޕޮއިންޓު ލިބުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށާއި އަދި ކުޅުންތެރިންނަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ. މިއަދު މި ލިބުނު ކާމިޔާބަކީ ފުރަތަމަ ބުރުގެ ހަނދާންތައް ނައްތާލުމަށްފަހު ޕޮއިންޓެއް ހޯދުމަށް ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ނާދު ބުންޏެވެ.

"ފުރަތަމަވެސް ބުނެލަން އޮތީ ﷲ އަށް ޙަމްދު ކުރަމޭ! ޕޮއިންޓެއް ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފި މި ދެމެޗުގައިވެސް އަދި އެކަމުގެ ނަތީޖާ ފެނިގެން މިދިޔައީ،" ނާދު ބުންޏެވެ. "ކުރިއަށް އޮތް މެޗުތަކުގައިވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާނަން މިނަތީޖާ ދެމެހެއްޓުމަށް އަދި ހުރިހާ ކުދިންނަށްވެސް ވަރަށް ބޮޑަށް މަރުހަބާ ކިޔަން،"

އީގަލްސްގެ ކޯޗު އިޙްސާން ޢަބްދުލް ޣަނީ (ސާންތީ) ބުނީ، މިއަދުގެ ނަތީޖާއާ ދޭތެރޭގައި އެއްގޮތަކަށްވެސް ހިތްހަމަ ނުޖެހޭ ކަމަށާއި އަދި އެ ނަތީޖާގެ ސަބަބުން އެކުލަބު ގަދަ ހައެއްގައި ހިމެނުމަށް ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިއްޖެ ކަމަށެވެ.

"ނަތީޖާއާ ދޭތެރޭގައި އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ. އަޅުގަނޑުމެންގެ ޓާގެޓަކީ ގަދަ ހަޔަކަށް ވަނުން. އެކަމަކު މިއީ އެކަމަށް އައި ހުއްޓުމެއް. އެކަމަކު އަދިވެސް އަޅުގަނޑުމެންނަށް ފުރުސަތެއް ނުގެއްލޭ،" ސާންތީ ބުންޏެވެ. "އަޅުގަނޑުމެން އުންމީދުވެސް ނުކުރާ ކަހަލަ ނަތީޖާއެއް މިއަދު މި ނުކުތީ. އަސްލު އެއީ އެހާ ކުރީބައިގައި ލަނޑެއް ވަނުމުން އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ގޭމު އުނދަގޫވީ"

ވިއަދުގެ މެޗުން މޮޅުވުމުން އަދިވެސް ތާވަލުގެ ފުލުގައި އޮތް އޭވައިއެލް އަށްވަނީ 7 ޕޮއިންޓު ލިބި ތާވަލުގެ އަށް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާ ޕޮއިންޓުގެ ގޮތުން އެއްވަރު ވެފައެވެ. އަދި މިއަދުގެ މެޗުން ބަލިވި އީގަލްސް އޮތީ 9 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގަ އެވެ.

ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ނުވަ ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި އޮތް ވީބީ އައްޑޫ އެފްސީ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.