31 May 2013, 19:16
އައްޑޫ ސިޓީގެ ހިތަދޫ ލިންކް ރޯޑުގައި މިއަދު ހަވީރު ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް މީހެއްގެ މޭ ކަށިގަނޑުގެ ނުވަ ތަނަކުން ބިނދިއްޖެ އެވެ.
އެ ހާދިސާގައި އަނިޔާވެފައި ވަނީ ޝަންގްރިއްލާ ރިސޯޓުގައި މަސައްކަތް ކުރާ ހިތަދޫ، ޕްރިޓީވިލާ، އުމުރުން 58 އަހަރުގެ ހަސަން އަހުމަދު (ހަސަން މަނިކާ) އަށެވެ.
އޭނާ އަށް ހިތަދޫ ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުންދާ އިރު އެ ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން ކޮޑިނޭޓާ އަލީ މޫސާ ވިދާޅުވީ އެ އެކްސިޑެންޓްގައި ގެއްލުންލިބުނު ހަސަން މަނިކާގެ ބޯފަޅައިގެން ގޮސް ކަންފަތުން ވެސް ލޭ އަންނަމުންދާ ކަމަށެވެ. އަދި އޭނާގެ މޭމަތީ ކަށިތަކުގެ ތެރެއިން ކަނާތްފަރާތުން ހަ ކަށި ގަނޑު އަދި ވާތް ފަރާތުގެ ތިން ކަށި ގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޭނާގެ ފައިގެ ކުޑަ ހުޅު ބިންދައިގެން ގޮސްފައިވާ އިރު އަތުލެ ކަށި އިނގިލި ޗަސް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އޭނާގެ ހާލު ވަރަށް ސީރިއަސް، މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި" މޫސަ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމީހާގެ ހާލު ސީރިއަސް ކަމުން ފަރުވާދިނުމަށް މާލެ ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މިރޭގެ ވަގުތެއްގައި އޭނާ މާލެ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
މޫސަ ވިދާޅުވީ އެ ނުރައްކާތެރި އެކުސިޑެންޓް ހިންގި އިރު އަނެއް ސައިކަލް ދުއްވަން އިން މީހާ އަށް މާ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އެނުރައްކާތެރި އެކުސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު 5:23 ގައެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގް ކުރަމުންނެވެ.