އެމްޑީޕީގެ ސިއްހަތާ ބެހޭ ސިޔާސަތު ރާއްޖޭގެ 20 ސަރަހައްދެއްގައި މިއަދު އިފްތިތާހު ކޮށްފި އެވެ.

"ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން" މި ނަމުގައި އައްޑޫ ސިޓީގެ ހިތަދޫގަ ބޭއްވި ރަސްމީއްޔާތުގައި ސިއްހަތާއި ބެހޭ ސިޔާސަތު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބް އަލީ ޝީޔާމް، އެ ޕާޓީގެ ސިއްހަތާއި ގުޅޭ ސިޔާސަތާއި ބެހޭ ގޮތުން ވިދާޅުވީ އެމްޑީޕީ ސަރުކާރެއް ގާއިމުވާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުއްޓާއި އައްޑޫ ސިޓީއާއި އަދި މާލޭގައި ތާޝިއަރީ ތިން ހޮސްޕިޓަލް ގާއިމް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެއިން ކޮންމެ ހޮސްޕިޓަލަކުން ވެސް ޒަމާނީ ފެންވަރަށް ސަރުކާރުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެ ސިޔާސަތުގެ ދަށުން އެމްޑީޕީގެ ވެރިކަމެއްގައި އެއް ރަށުން އަނެއް ރަށަށް ބަލި މީހުން ގެންދިއުމުގައި ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 2،000 ޑޮކްޓަރުން ތަމްރީން ކުރާނެ ކަމަށާއި އަދި ރާއްޖޭގެ އެކި ސަރަހައްދުގައި 250 މަސައްކަތްތެރިން ހަރަކާތްތެރި ވާނެ ކަމަށް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތް މިހާރު އޮތް ހާލަތުން އަރައިގަނެ ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަކީ އެ ޕާޓީގެ އަމާޒެއް ކަމަށެވެ. އެމްޑީޕީގެ ސަރުކާރެއްގައި ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން ހިދުމަތްދޭ އާސަންދަ ނިޒާމެއް ނޯންނާނެ ކަމަށާއި އެ ނިޒާމް ރައްޔިތުންނަށް ހިލޭ ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.