31 May 2013, 16:57
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްގެން ކުރިން ހިންގި، ކ. ކްލަބްފަރު ރިސޯޓް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރަން ރައީސް އޮފީހުން އަންގައިފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ސަން"އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ކްލަބްފަރު ރިސޯޓް އެ ކުންފުންޏާ ހަވާލުކުރުމަށް ރައީސް އޮފީހުން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވި ސިޓީގެ ކޮޕީއެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމާ މެދު ނިންމާ ގޮތެއް އަންނަ އާދީއްތަ ދުވަހު އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ފެށެން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވޭ. އެހެންވެ އެކަން ފެށެންދެން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ބާއްވަން އަޅުގަނޑުމެން އެދުނީ. އޭރުން ހިއްކުމުގެ މަސައްކަތް ފަށަންވީމަ އަޅުގަނޑުމެން ނުޖެހޭނެ ހަވާލުކުރަން އެދޭކަށް،" ސުހައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްލަބްފަރު ރިސޯޓެއްގެ ގޮތުގައި ހިންގާ ނަމަ އެ ކުންފުނީގެ މެންޑޭޓަށް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ. އަދި އެކަމާ މެދު ގޮތެއް ނިންމާނީ ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ކަމަށް ސުހައިލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށް އެޗްޑީސީއާ ހަވާލުކުރަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި އެރަށް ހަވާލުކުރުމުގެ ކަންތައްތައް ކުރިޔަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކްލަބްފަރު ހިންގަމުންދަނިކޮށް އެމްޓީޑީސީ އަށް ދިން މުއްދަތު މިމަހުގެ 15 ދުވަހުގެ ނިޔަލަށް ހަމަވުން، މުއްދަތު އިތުރުކޮށް ނުދިނުމުން އެ ކުންފުނިން ވަނީ އެ ރަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
އެ ރަށް ހިމެނޭ ގޮތަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އެޗްޑީސީން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެޗްޑީސީން ވަނީ އެ ރަށުގެ ބިން ބޮޑުކުރުމަށް އިތުރު ސަރަހަދެއް ހިއްކުމަށް ދެ ކުންފުންޏެއް ޝޯޓްލިސްޓް ވެސް ކޮށްފަ އެވެ.