31 May 2013, 15:13
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެސެޓްތައް ސަރުކާރުން އަލަށް އުފެއްދި ކުންފުންޏާ ހަވާލުނުކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އިބްރާހިމް މަހުފޫޒު "ސަން"އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ސަރުކާރުން އަލަށް އުފެއްދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އެމްއައިއޭ)ން ހަމައެކަނި އެއާޕޯޓް ހިންގާނީ ކަމަށެވެ.
"އެއާޕޯޓްގެ އެސެޓްތައް އަބަދު ވެސް ދެމި އޮންނާނީ އެމްއޭސީއެލްގެ މިލްކެއްގެ ގޮތުގައި. އެ ތަކެތި އަލަށް އުފެއްދި ކުންފުނިން ހަމައެކަނި އެއާޕޯޓް މެނޭޖްކުރާނީ،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް މިދިޔަ ހަފުތާގައި ވިދާޅުވީ އަލަށް އުފެއްދި ކުންފުނިން އެއާޕޯޓް ހިންގި ނަމަވެސް އެތަނުގެ މިލްކުވެރިކަން އޮންނާނީ އެމްއޭސީއެލް އަށް ކަމަށެވެ. އަދި އެކަމާ މެދު ގޮތެއް ނިންމާނީ ޖީއެމްއާރުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއާޕޯޓް ހިންގުން އަލަށް އުފެއްދި ކުންފުންޏާ ހަވާލުކުރާ އިރު މުވައްޒަފުން ވެސް އެ ކުންފުންޏަށް ބަދަލުކުރެވޭނެ. ނަމަވެސް އެސެޓްތައް ހިންގުން ރަސްމީކޮށް ހަވާލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެވޭނެ،" ޖިހާދު ވިދާޅުވި އެވެ.
ޑރ. މަހުފޫޒް ވިދާޅުވީ އެ ކުންފުނިން އެއާޕޯޓް ހިންގަން ހަވާލުވި ފަހުން އަމާޒުކޮށްފައި ވަނީ މި އަހަރުގެ ނިޔަލަށް އެއް ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދުމަށް ކަމަށް ކަމަށެވެ. ނަމަވެސް ފުރަތަމަ ކުއާޓަރު ނިމުނުއިރު 305 މިލިއަން ރުފިޔާ ލިބުމުން އެ އަމާޒު މުރާޖައާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފުރަތަމަ ކުއާޓަރު ނިމުނުއިރު 305 މިލިއަން ރުފިޔާ ލިބުމުން ޓާގެޓް ވަނީ ރިވައިސްކޮށްފައި. މިހާރު ލަފާކުރަނީ މި އަހަރުގެ ނިޔަލަށް 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް،" ޑރ. މަހުފޫޒު ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި އެއާޕޯޓްގެ އޮޕަރޭޝަންގެ ތެރެއިން އާމްދަނީ ލިބޭ މައިގަނޑު ދެ ކަމަކީ މަތިންދާބޯޓަށް އަޅާ ތެލުގެ ވިޔަފާރި އާއި ޑިއުޓީ ފްރީ ފިހާރަ ހިމަނައިގެން ލިބޭ އާމްދަނީ އެވެ.
އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ދެމެދުވި އެއްބަސްވުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުވާލި އިރު އެމްއޭސީއެލް އަށް މިދިޔަ އަހަރު އެއްވެސް އާމްދަނީއެއް ނުލިބެ އެވެ. އަދި އޭގެ ބަދަލުގައި 2.2 މިލިއަން ޑޮލަރު ދައްކަން ޖީއެމްއާރުން އެ ކުންފުންޏަށް އެނގި އެވެ.