ކޯޓްތަކުގެ ގާނޫނުގެ ދަށުން މަދަނީ ކޯޓްގެ ނަން "ސިވިލް ކޯޓް"ގެ ނަމަށް ބަދަލު ކޮށްފައި ވިޔަސް މަދަނީ ކޯޓްގެ ނަމުގައި އެކި ފަރާތްތަކަށް ފޮނުވާފައިވާ ކޯޓަށް ހާޒިރުވުމުގެ އަމުރަށް ކިޔަމަންތެރި ވާންޖެހޭނެ ކަމަށް ސިވިލް ކޯޓުން އަންގައިފި އެވެ.


ކޯޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެކިއެކި މައްސަލަތަކާ ގުޅިގެން ކުރިޔަށް ތާވަލުކޮށް ގިނަ މައްސަލަތަކެއްގައި ކޯޓަށް ހާޒިރުވުމުގެ އަމުރު މަދަނީ ކޯޓުގެ ނަމުގައި ފޮނުވާފައިވަނިކޮށް މަދަނީ ކޯޓުގެ ނަން ސިވިލް ކޯޓަށް ބަދަލުވުމުން  ކުރީގެ ނަމުގައި ހުރި ޗިޓްތަކަށް ކޯޓަށް ހާޒިރުވުމުގައި ބައެއް ފަރާތްތަކަށް އޮޅުން އަރާފައިވާ ކަމަށެވެ.


"ނޮވެމްބަރާ ޑިސެމްބަރާ ހަމައަށް ވެސް އެބަހުރި މަދަނީ ކޯޓުގެ ނަމުގައި ޗިޓްތައް ފޮނުވާފައި. އެހެން އޮއްވައި މަދަނީ ކޯޓުގެ ނަން ސިވިލް ކޯޓަށް ބަދަލުވީ. ނަން ބަދަލުވި ކަމުގައި ވިޔަސް އެ އަމުރުތަކަށް އަމަލުކޮށް ކޯޓަށް ހާޒިރުވާންޖެހޭނެ،" ސިވިލް ކޯޓުގެ އޮފިޝަލު ވިދާޅުވި އެވެ.


ކޯޓްތަކުގެ ގާނޫނު އައުމުން ކޯޓްގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސިވިލް ކޯޓްގެ ޝަރީއަތްތައް ވެސް މެދު ކަނޑައިލި އެވެ. ނަމަވެސް މިހާރު ވަނީ އަލުން ޝަރީއަތްތައް ފަށައިފަ އެވެ.