ދައުލަތުގެ ހޮސްޕިޓަލް، އައިޖީއެމްއެޗްއަށް ޑޮކްޓަރުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޒިންމާދާރު އިސްވެރިޔާ ޑރ. މުހައްމަދު ހަބީބު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ހޮސްޕިޓަލަށް މިހާރު ޑޮކްޓަރުންގެ ދަތިކަން އިންތިހާއަށް ދިމާވެފައިވާ ކަމަށާއި އެހެންކަމުން ފުރިހަމައަށް ސިއްހީ ހިދުމަތް ދިނުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ.

އެނާ ވިދާޅުވީ މިވަގުތު އެންމެ ބޮޑު ދަތިކަމެއް ދިމާވެފައިވާ ކުޑަކުދިންގެ ޑޮކްޓަރުންގެ ބައިގައި މިވަގުތު ހުރީ އެންމެ ތިން ޑޮކްޓަރުން ކަމަށާއި އަދި ހޭނައްތާ ޑޮކްޓަރުންގެ ގޮތުގައި ތިބީ ހަތަރު ޑޮކްޓަރުން ކަމަށެވެ. އަދި އެކުސް ރޭ ނެގުން ފަދަ މަަސައްކަތްކުރާ ރޭޑީއޯ ލޮޖީގައި ތިބީ ތިން ޑޮކްޓަރުން ކަމަށް ވިދާޅުވި އެވެ.

"މިވަގުތު އެންމެ ބޮޑު ދަތިކަމެއް އޮތީ ކުޑަކުންދިގެ ޑޮކްޓަރުން، ތިން ބޭފުޅުން ތިބޭއިރު އެއް ބޭފުޅަކު ހުންނެވީ ޓުރެއިނިންގަ އަނެއް ބޭފުޅަކު އަނެއް ބޭފުޅަކީ ހުޅުމާލޭ ހޮސްޕިޓަލުގައި ހުންނަ ޑޮކްޓަރު، ދެން ހޭނައްތާ ބައިގަ ތިބީ ޝޯޓްޓާމަށް ގެނެސްތިބި ޑޮކްޓަރުންނާ އެކު އެންމެ ހަތަރު ޑޮކްޓަރުން." ޑރ. ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑޮކްޓަރުންގެ ދަތިކަން ހައްލުކޮށް އިތުރު ޑޮކްޓަރުން ގެނައުމަށް ތަފާތް މަސައްކަތްތައް ކުރަމުންދާ ކަމަށާއި ނަމަވެސް ރާއްޖެ އަށް ޑޮކްޓަރުން ގެނައުމަށް ވެސް ބޮޑެތި ދަތިތަކެއް މިހާރު ކުރިމަތިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޑޮކްޓަރުން ލިބުމުގައި އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ޑޮކްޓަރުން ބޭނުންވާ ފަދަ މުސާރައެއް ނުދެވުމާ އެކު ޑޮކްޓަރުންނަށް ރައްކާތެރި މާހޯލެއް ހޯދައިނުދެވުން ކަމަށެވެ. އެގޮތުން ފަހަކަށް އައިސް ޑޮކްޓަރުންނާއި މެދު ތަފާތް ނޭދެވޭ އަމަލުތައް ހިނގަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.