ހަށިގަނޑުން އަޔޮޑިން މަދުވުމަކީ ސިއްޙީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ކަމެއް ކަމަށް ޖަރުމަނުވިލާތުގެ، ސިއްޙަތާ ބެހޭ ނުރައްކާތައް ވަޒަންކުރާ އިއްތިޙާދީ އިދާރާ (ޖާމަން ފެޑްރަލް އިންސްޓިޓިއުޓް ފޯރ ރިސްކު އެސެސްމަންޓް) އިން އިންޒާރުކޮށްފި އެވެ.

މިއިންސްޓިޓިއުޓުން ކުރި ދިރާސާއަކާ ޙަވާލާދީ ނެރުނު ރިޕޯޓެއް ބުނާ ގޮތުން އަޔޮޑިން މަދުވުމަކީ ސިއްޙީ އެތައް ނުރައްކަލެއް ހިމެނޭ ކަމެކެވެ. މީގެތެރޭގައި ތައިރޮއިޑް މައްސަލައާއި ކުޑަކުދިން ބޮޑުނުވުމުގެ މައްސަލައާއި ވިސްނުންކޮށިވުމުގެ މައްސަލައިގެ އިތުރުން ބައެއް ޙާލަތްތަކުގައި ކުއްލިއަކަށް މަރުވުމުގެ ބިރުވެސް ހިމެނެ އެވެ. ހަށިގަނޑުން އަޔޮޑިން މަދުވެއްޖެ ނަމަ އެކަމުގެ ނުރައްކާ މާބަނޑު އަންހެނުންނާއި ބަނޑުގައިވާ ދަރިފުޅުގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުންނާ އަދި މުސްކުޅިންނަށް ވެސް ވަރަށް ބޮޑު ކަމަށް މިރިޕޯޓް ބުނެ އެވެ.

އަޔޮޑިންއަކީ އެކި އުމުރުފުރާތަކުގެ މީހުންނަށް އެކިމިންވަރަށް ލިބެން ޖެހޭ ވަރަށް މުހިއްމު މާއްދާއެކެވެ. މިގޮތުން ކިރުބޯ އުމުރުގެ ކުދިންނަށް ދުވާލަކު 40 އާއި 80 މައިކްރޯ ގްރާމްގެ މިންވަރަށް އަޔޮޑިން ބޭނުންވާއިރު ޒުވާނުންނާއި ބޮޑެތި މީހުންނަށް ބޭނުންވަނީ ދުވާލަކު 200 މައިކްރޯ ގްރާމްގެ އަޔޮޑިން އެވެ. އަދި މާބަނޑު މީހުންނަށް ދުވާލަކު މަދުވެގެން 150 މައިކްރޯ ގްރާމްގެ އަޔޮޑިން ބޭނުންވާ ކަމަށް ސިއްޙީ ތަޖްރިބާކާރުން ބުނެ އެވެ.

އަޔޮޑިން ގިނަ ބައެއްގެ ހަށިގަނޑުން މަދުވަނީ ކާބޯތަކެތީގެ ގިނަބާވަތްތަކުގައި އެމާއްދާ ނުހިމެނޭތީ ކަމަށްވެ އެވެ. ކާބޯތައްޗާ ބެހޭ ދިރާސާތައް ބުނާގޮތުން އަޔޮޑިން އެންމެ ގިނައިން ހުންނަނީ ފަރުމަހުގަ އެވެ. އެކިބާވަތުގެ ފަރުމަހުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަޔޮޑިން ހުންނަ ކަމަށްވެ އެވެ. މީގެ އިތުރުން އަޔޮޑިން އަޅައިގެން ތައްޔާރުކޮށްފައިވާ ލޮނުގައި ވެސް އެކަށީގެންވާ ވަރަކަށް މިމާއްދާ ހުރެ އެވެ.

އެހެންކަމުން ހަށިގަނޑުގައި އަޔޮޑިންގެ މިންވަރު އެކަށީގެންވާ ގޮތެއްގައި ހިފެހެއްޓުމަށް ޓަކައި ހަފްތާއަކު ދެފަހަރު ނޫނީ ތިންފަހަރު ފަރު މަސް ކެއުމަށް ޖަރުމަނުވިލާތުގެ، ސިއްޙަތާ ބެހޭ ނުރައްކާތައް ވަޒަންކުރާ އިއްތިޙާދީ އިދާރާގެ ރިޕޯޓްގައި ލަފާދީފައިވެ އެވެ. (ޖަރުމަނު ނޫސްއެޖެންސީ)