އިސްލާމް އާބާދު (މޭ 31): ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުންގެ ނައިބު ޒަޢީމަކަށް ޚާން ސަޢީދު ޢައްޔަންކޮށްފި އެވެ.

ޚާން ސަޢީދަކީ ކަރާޗީގައި ހުންނަ ޕާކިސްތާން ކަނޑުގެ ސިފައިންގެ ޢަސްކަރީ ބޭހަކަށް 2011 ވަނަ އަހަރު ތާލިބާނުން ދިން ކާރު ބޮމުގެ ޙަމަލާ ރާވައި ހިންގި ކަމަށް ޕާކިސްތާން ސަރުކާރުން ތުހުމަތުކުރާ ފަރާތެކެވެ. އެހަމަލާގައި 18 މީހަކު މަރުވެފައިވާ ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފައިވެ އެވެ.

ޚާން ސަޢީދަކީ ޢުމުރުން 38 އަހަރުގެ މީހެކެވެ. ތާލިބާނުންގެ ނައިބު ޒަޢީމަކަށް އޭނާ ޢައްޔަންކުރީ އެ ޖަމާއަތުގެ ޒަޢީމް އަދި އިސްވެރިޔާ ޙަކީމުﷲ މަޙްސޫދު ކަމަށް ތާލިބާނުންގެ ބަޔާނެއް ބުނެ އެވެ. އޭނާ މިހާތަނަށް ހުރި ކަމަށް ވަނީ އެމެރިކާގެ ވައިގެ ޙަމަލާތަކެއްގައި މިދިޔަ ބުދަ ދުވަހު މަރުވި ތާލިބާނުންގެ ނައިބު ޒަޢީމް ވަލީއުއްރަޙްމާންގެ އެހީތެރިއަށެވެ.
ޕާކިސްތާނުގެ ޤަބީލާ ސަރަހައްދު ކަމަށްވާ ވަޒީރުސްތާނަށް އެމެރިކާގެ ޑްރޯން މަތިންދާބޯޓަކުން މިދިޔަ ބުދަ ދުވަހު ދިން ވައިގެ ޙަމަލާތަކުގައި ވަލިއްޔުއްރަޙްމާންގެ އިތުރުން ވެސް ހަ މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުގެ އަމްނާބެހޭ ފަރާތްތަކުން ބުނެ އެވެ. އެޙަމަލާގައި ވަލިއްޔުއްރަޙްމާން މަރުވިކަން ތާލިބާނުން ވެސްވަނީ ކަށަވަރުކޮށްދީފަ އެވެ.

ތާލިބާނުންގެ ނައިބު ޒަޢީމަކަށް ޚާން ސަޢީދު ހަމަޖެއްސުމުން ތާލިބާނުންގެ ޢަސްކަރީ ބައެއް ކޮމާންޑަރުން ހިތްހަމަނުޖެހިފައިވާ އިރު އަނެއްބަޔަކު މިކަމަށް ތާއީދުކޮށް ހިތްހަމަޖެހޭކަން ހާމަކޮށްފައިވާ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ތާލިބާނުން ޕާކިސްތާނުގައި ކުރިޔަށްގެންދާ ލޭއޮހޮރުވުން ބޮޑު ބޮންގޮއްވުމުގެ ޙަމަލާތައް ނިމުމަކަށް ގެނައުމަށް ޓަކައި އެޖަމާއަތާ އެކު ސުލްހައިގެ ވާހަކަތައް ފަށަންބޭނުންވާކަން އެންމެ ފަހުން ބޭއްވި ޕާކިސްތާނުގެ އިންތިޚާބު ކާމިޔާބުކުރެއްވި ނަވާޒް ޝަރީފް ވަނީ ހާމަކުރައްވާފަ އެވެ.

ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޕާކިސްތާނުގެ ޤަބީލާ ސަރަޙައްދަށް އެމެރިކާ ދޭ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޙަމަލާތަކާއި ތާލިބާނުން ފާކިސްތާނުގައި ހިންގަމުން ގެންދާ ބޮންގޮއްވުމުގެ ޙަމަލާތައް ކަމަށް ޕާކިސްތާނުގެ ލީޑަރުން ވިދާޅުވެ އެވެ. (އަލްޖަޒީރާ)