31 May 2013, 13:57
ހުޅުމާލޭގައި އަމިއްލަ ބަޔަކު ހިންގާ "ހުޅުމާލޭ ޕްރީ ސްކޫލް"ގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި އެ ތަން އަނދައި ހުލިވުމުގެ ސަބަބުން އެ ސްކޫލުގެ ކިޔެވުން ހުޅުމާލޭގައި ހުންނަ ލާލޭ އިންޓަނޭޝަނަލް ސްކޫލަށް ބަދަލުކޮށްފި އެވެ.
ހުޅުމާލޭ ޕްރީ ސްކޫލު އެނދުމުން އެ ސުކޫލުގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެ ސުކޫލުގެ ޕްރިންސިޕަލް މިއަދު ވިދާޅުވީ އެ ޕްރީ ސުކޫލް މަރާމާތު ކުރެވެންދެން ޕުރީ ސްކޫލުގައި ކިޔަވަމުންދާ ކުދިންނަށް ދެން ކިޔަވައިދޭނީ ލާލޭ އިންޓަނޭޝަނަލް ސްކޫލުގައި ކަމަށެވެ. އަދި ލާލޭ ސްކޫލުން ދެއްވާ އެއް ބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ހުޅުމާލެ ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)ގެ ޗެއާމަން އަލީ ޝަރީފު ވިދާޅުވީ އެ ޕްރީ ސްކޫލް އަލުން މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ ސިފައިންނާއި ފުލުހުންނާއި އަދި ބައެއް ޖަމާއަތްތަކުގެ އެހީގެ އިތުރަށް ބެލެލެނިވެރިންގެ އެހީއާ އެކު އެޗުޑީސީ އިން ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ހުޅުމާލޭގައި ޕްރީ ސްކޫލެއް އެޅުމަށް ބީލަމަށް ހުޅުވާލައި އަދި މިހާރު ބީލަން އިވެލިއުއޭޓް ކުރުމުގެ މަރުހަލާގައިވާ ކަމަށެވެ. އެ ސްކޫލު އަށެއްކަ މަސް ދުވަހުގެ ތެރޭގައި ހުޅުވޭ ވަރަށް ތައްޔާރު ކުރެވޭނެ ކަމަށް ވެސް އަލީ ޝަރީފު ވިދާޅުވި އެވެ.
ރޭ ފަތިހު ހުޅުމާލޭ މާ ޕާކް ހުންނަ ސަރަހައްދުގައި ހުންނަ ޕްރީ ސްކޫލުގެ ކްލާސް ރޫމްތަކާއި އޮފީސް ބައި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ. ނަމަވެސް އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ހުޅުމާލޭ ޕްރީ ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކޮށް މިއަދު ވާހަކަ ދައްކަވަމުން ހުޅުހެންވޭރު ދާއިރާގެ މާލޭ ސިޓީ ކައުންސިލް މެމްބަރު މައިޒާން އަލި މަނިކު ވިދާޅުވީ ޕްރީ ސްކޫލަށް އެހީވުމަށްް ފަންޑު ފޮޓެއް ބެހެއްޓުމަށް ހަމަޖައްސާފައިވާ ކަމަށެވެ.