31 May 2013, 13:54
ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ މަލްޓި ޕާޕަސް ހޮސްޕިޓަލެއް ގާއިމްކުރުމަށް ނިންމައި އެ ހޮސްޕިޓަލް ފަރުމާކޮށް އެކަމަށް ފައިނޭންސްކޮށް ތަރައްގީކޮށް ހިންގާނޭ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ބުނީ ސަރުކާރުން ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ފަރުމާކޮށް އެ ހޮސްޕިޓަލަށް ފައިނޭންސްކޮށް ތަރައްގީކޮށް ވިޔަފާރި އުސޫލުން ހިންގުމަށް 25 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ފަރާތަކަށް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލާ އެކު މެޑިކަލް ކޮލެޖެއް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެމިނިސްޓްރީއިން ބުންޏެވެ.
އެ މިނިސްޓްރީ އިން ބުނީ އެފަދަ ހޮސްޕިޓަލެއް ހުޅުމާލޭގައި ގާއިމް ކުރުމުގެ ބޭނުމަކީ މާލެ އާއި މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގެ ދިރިއުޅޭ ރައްޔިތުންގެ އިތުރުން ރާއްޖެގައި ދިރިއުޅޭ ބިދޭސީންނަށް އަދި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޒަމާނީ ފެންވަރުގެ މަލްޓި ސްޕެޝަލިޓީ ސިއްހީ ހިދުމަތްތައް ރާއްޖޭން ލިބޭނޭ މަގު ފަހި ކޮށްދިނުން ކަމަށެވެ.
އެގޮތުން އެ މަޝްރޫއުތަކާ ބެހޭ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ޑޮކިއުމަންޓް މިހާރު އިކޮނޮމިކް މިނިސްޓްރީ ވެބްސައިޓުގައި ޝާއިއުކޮށްފައި ހުންނާނެ ކަމަށާއި އެ މަޝްރޫއުތަކަށް ޝައުޤުވެރިކަން ހުށަހެޅުމުގެ ސުންގަޑިއަކީ މި އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަސް ކަމަށް އެމިނިސްޓްރީ އިން ބުންޏެވެ.