31 May 2013, 13:27
ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑްގެ މިނިސްޓަރު އޮފް ޑިފެންސް އެންޑް އެއާ މާޝަލް ސުކުމްޕޮލް ސްވަނަޓަޓް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އޭނާ ރާއްޖެވަޑައިގެންނެވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ދެއްވި ދައުވަތަކަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓުން އޭނާ އަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސްފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަޙުމަދު މުޙައްމަދާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނެވެ.
ތައިލެންޑްގެ ޑިފެންސް މިނިސްޓަރު ސުކުމްޕޮލްގެ އަރިހުގައި އެގައުމުގެ ޑެޕިއުޓީ ޕާމަނަންޓް ސެކެރެޓަރީ އޮފް ޑިފެންސް، ޖެނެރަލް ނިޕަޓް ތޮންގްލެކް އާއި ރޯޔަލް ތައި އާރމީގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސްގެ ޑައިރެކްޓަރު މޭޖާ ޖެނެރަލް ސަސިން ތޮންގްޕަކްޑީ އާއި ތައިލެންޑްގެ ޑިފެންސް މިނިސްޓްރީގެ އޮފީސް އޮފް ޕޮލިސީ އެންޑް ޕްލެއިނިންގް، އޮފީސް އޮފް އެކްސްޓަނަލް ރިލޭޝަންސްގެ ޕްރޮޓޮކޯލް ޑިވިޜަންގެ ޑައިރެކްޓަރ ކާނަލް ޕްރަޗްޔާ ޗެލަރމްވަޓްގެ އިތުރުން، ޑިފެންސް މިނިސްޓަރުގެ އެޑްވައިޒާ ޖީޕީ ކެޕްޓަން ސެރަވަޓް ކްލޭޕުޓް ރާއްޖެ ވަޑައިގެންނެވި އެވެ.
ސުކުޕޮލްގެ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރް ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމްގެ އަރިހަށް އިޙްތިރާމް ޒިޔާރަތެއް ކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ޔިންލަކް ސިނަވަޓްރާ ވެސް މާދަމާ ރާއްޖެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.