31 May 2013, 13:23
ވޭތުވެ ދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަށް ވުރެ އިތުރަށް ދައުލަތުން 841 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާ އިރު ވޭތުވެދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ވަނީ 3637.5 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ދައުލަތުން ވަނީ އެ މަހުގެ ނިޔަލަށް 4479.2 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެހެންކަމުން ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް ދައުލަތުން ވަނީ 841 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފަ އެވެ.
ތަފާސްހިސާބުތަކަށް ބަލާ އިރު ދައުލަތުގެ އާމްދަނީ އިތުރުވެފައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިން އާއި އަދި ވިޔަފާރި ފައިދާ އިން ނަގާ ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިން ލިބޭ އާމްދަނީ އާއި ސަރުކާރުގެ ހިދުމަތްތަކުން ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން ޓެކްސް ނޫން ގޮތްގޮތުން ސަރުކާރަށް ލިބުނު އާމްދަނީ އެ މުއްދަތު ތެރޭ ވަނީ ދަށަށް ގޮސްފަ އެވެ. ސަރުކާރުގެ ހަރަދުތަކަށް ބަލާ އިރު ބޮޑުވެފައި ވަނީ ރިކަރަންޓް ހަރަދުތަކެވެ. އެގޮތުން ހާއްސަކޮށް ހަރަދުތައް ބޮޑުވުމަށް މެދުވެރިވީ މުސާރައާއި އިނާޔަތްތައް އިތުރުވުމާ ގުޅިގެންނެވެ.
މި އަހަރު ފާސްކޮށްފައިވާ ބަޖެޓަށް ބަލާ އިރު ދައުލަތަށް މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 12608.9 މިލިއަން ރުފިޔާ އެވެ. އަދި ދައުލަތުގެ ޖުމްލަ ހަރަދާއި ނެޓް ލެންޑިންގްގެ ގޮތުގައި ލަފާކޮށްފައި ވަނީ 13973.0 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރު ބަޖެޓް ޑެފިސިޓް ވާނޭ ކަމަށް ލަފާކޮށްފައި ވަނީ 1364.1 މިލިއަން ރުފިޔާ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ޓްރޭޑް ޑެފިސިޓް ވަނީ، 2012 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ބޮޑުވެފަ އެވެ. އެގޮތުން ޓްރޭޑް ޑެފެސިޓް ބޮޑުވުމަށް މެދުވެރިވި ސަބަބަކީ އެކްސްޕޯޓް އިތުރުވެފައިވީ ނަމަވެސް އެއަށް ވުރެ ބޮޑަށް އިމްޕޯޓް ކޮށްފައިވާތީ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ އުފެއްދުން ތެރިކަމުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ޓޫރިޒަމް އާއި މަސްވެރިކަން ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަށް ވުރެ ބޮޑަށް ކުރިއަރާފަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އަށް 11348 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު އެއީ 2012 ވަނަ އަހަރާ އަޅާބަލާ އިރު 14 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އޭޕްރީލް މަހު އެކަނި ވެސް ރާއްޖެ އަށް ވަނީ 79288 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރި ރޭތަކުގެ އަދަދަށް ބަލާ އިރު އޭޕްރީލް މަހުގެ ނިޔަލަށް ވަނީ 33,233 ރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފަ އެވެ. އެއީ ވެސް މިދިޔަ އަހަރާ އަޅާބަލާ އިރު ހަ ޕަސެންޓްގެ ކުރިއެރުމެކެވެ.
މަސްވެރިކަމުގެ ދާއިރާ އަށް ބަލާއިރު މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އިން މަސް އެކުސްޕޯޓްކުރި މިންވަރާއި އެއިގެން ލިބުނު އާމްމުދަނީ ވަނީ 2012 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 17,986.2 މެޓްރިކް ޓަނުގެ މަސް ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 40 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މަސް އެކްސްޕޯޓްކޮށްގެން މިދިޔަ އަހަރު އޭޕްރީލް މަހުގެ ނިޔަލަށް 48,611.4 ޑޮލަރު ލިބިފައިވީ ނަމަވެސް މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ވަނީ 62,334.3 ޑޮލަރު ލިބިފަ އެވެ. އެހެން ކަމުން އެއީ ވެސް 28 ޕަސެންޓްގެ ކުރިއެރުމެކެވެ.
އޭޕްރީލް މަހުގެ ނިޔަލަށް ބަލާއިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މަހުން މަހަށް ބަލާއިރު އިތުރުވެ އަދި އަހަރުން އަހަރަށް ބަލާއިރު ދަށަށް ގޮސްފަ އެވެ.