މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އައުމަށް ބާކީ 100 ދުވަހަށް ވުން އެމްޑީޕީން ރޭ ފާހަގަކޮށްފި އެވެ.

ރޭ އުސްފަސްގަނޑުގައި ވަނީ ރާއްޖޭގެ ބައެއް މަޝްހޫރު ފަންނާނުންގެ ލައިވް މިޔުޒިކްގެ ހަރަކާތްތައް ދައްކައިފަ އެވެ. ހަމަ އެހެންމެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ހޯދުމުގެ ގޮތުން "ރައީސް ނަޝީދު 2013" ޖަހާފައިވާ ޓީޝާޓުތަކެއް ވަނީ ވިއްކަން ފަށައިފަ އެވެ.

މީގެ އިތުރުން ލައިވް މިޔުޒިކް ޝޯ ކުރިއަށްދިޔަ ވަގުތު ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީގައި ޗެކްކުރުމަށް މީހުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށްގެންގޮސްފަ އެވެ. އަދި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ރަޖިސްޓްރީ ނެތް ފަރާތްތައް ރަޖިސްޓްރީކޮށްދިނުމަށް އެމްޑީޕީން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެކި ޕާޓީތަކުން ގެންދަނީ ކެމްޕެއިންގެ ހަރަކާތްތައް ފޯރިއާ އެކު ކުރިއަށްގެންދަމުންނެވެ.