މާލޭ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވައި މިއްދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މއ. ވާދޫގޭގެ ފުރަތަމަ ބުރީގައި ހުރި ކޮޓަރިއެއްގެ ތެރޭގައި މަރު ވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 54 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް ބެލިބެލުމުން އޭނާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ފެންނާކަށް ނެތް، ނަމަވެސް އެއީ ކޮންކަހަލަ މަރެއްކަން ބުނެދޭން އެނގޭނީ ތަހުގީގަށް ފަހު،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގް ކުރުމުގެ ގޮތުން އެގޭގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީ އަކު މަރުވެފައި އޮއްވައި މިއަދު ފެނިފައިވާ އިރު މިދިޔަ ހަފްތާގެ ތެރޭގައި ވެސް ވަނީ ދެ ދިވެއްސަކު ވެސް މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިފަ އެވެ.