އެމްޑީޕީގެ ކޮންގްރެހަށް އުނދަގޫކުރަން ބޭނުން ނުވާތީ ކަމަށް ބުނެ ޑީއާރުޕީގެ ސިލްސިލާ މުޒާހަރާތައް މެދުކަނޑާލައިފި އެވެ.


ޑީއާރުޕީ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން، ސިލްސިލާ މުޒާހަރާތައް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު މިއަދު ވިދާޅުވީ، ޑީއާރުޕީގެ މުޒާހަރާތަކަކީ ބަޔަކަށް އުނަދަގޫ ކުރުމުގެ ގޮތުން ބާއްވަމުންގެންދާ މުޒާހަރާތަކެއްނޫން ކަމަށެވެ. އަދި އެކަމަކީ މުހިއްމު މައްސަލަތަކަކަށް އެޑްރެސް ކުރުމަށް ބައްވާ މުޒާހަރާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މުޒާހަރާތައް މެދުކަނޑާލަށް ނިންމި ސަބަބުތަކުގެ ތެރޭގައި، ޕްރެޒިޓެންޓް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މިރޭ ކުޅުމަށް ހަމަޖެހިފައި ވުމާއި، މި ދުވަސްވަރަކީ ސްކޫލްތަކުގެ ޓެސްޓް ދުވަސްވަރަށްވުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ރާއްޖޭގައި ކޮރޮޕްޝަންގެ މިންވަރު ދެ އަހަރު ދުވަހުގެ ތެރޭގައި28 ދަރަޖަ ފަހަތަށް ޖެހިފައިވާ ކަމަށް، ޓްރާންސް ޕޭރަންސީ އިންޓަނޭޝަނަލްސް އިން ބުނެފައިވާ މައްސަލައަށް އަލިއަޅުއްވައި ލައްވައި މަހްލޫފު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަރު އެޅުވުމަށް ފަހު ކޮރަޕްޝަންގެ ކަންތައްތައް ކުރަމުން ގެންދަނީ ސަރުކާރުން ކަމަށެވެ. އަދި ކޮރަޕްޝަންގެ އެތައް ބައިވަރު ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށާއި، އެގޮތުން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އަޅުގަނޑުމެންގެ ހަރުމުދާ ސަރުކާރުން ވިއްކަމުންދާތަން ފެންނަމުންދާ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.


"ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މި ފެންނަނީ އަޅުގަނޑުމެންގެ ހަރު މުދާތައް ވިއްކަމުންދާތަން. އަޅުގަޑުމެންނާ ދިމާވެފައި އެބަހުރި. ދިރާގުގެ ހަތް ޕަސެންޓް ޝެއަރ، 44 މިލިޔަން ޑޮލަރަށް އިނގިރޭސިންނަށް ވިއްކައިލި އިރު ފަސް ޕަސެންޓް ޝެއަށް 44 މިލިޔަން ޑޮލަރަށް ގަންނަން ދިވެހި ވިޔަފާރިވެރިން ތިބި. ހަމަ އެހެން 16 މިލިޔަނަށް ފެންކުންފުނި ގަތްއިރުގައި 22 މިލިޔަނަށް އެތަން ގަންނަން ވެސް ދިވެހިން ތިބި. އަދި އެންޓިކޮރަޕްޝަން ކޮމިޝަނުން ވަކިކަމެއް ނުކުރުމަށް އަންގާއިރު ވެސް ސަރުކާރުން ދަނީ އެކަމެއް ކުރަމުން. އަޅުގަނޑަށް ގަބޫލު ކުރެވެނީ، ދެންއަންނަ ދައުރުގައި ވެރިކަމުގައިނުތިބެވޭނެތީ 2013 ވަނަ އަހަރު އަންނަ އިރަށް އެ މީހަކަށް ހޯދުނުއެއްޗެއް ލިބުނު ގޮތަކަށް މިސަރުކާރުގެ އިސްވެރިން ހޯދަނީ ކަމަށް. އަދި ފެނިގެން މިދަނީ އެކަމުގެ ނަތީޖާ ކަމަށް" މަހްލޫފު ވިދާޅުވިއެވެ.


މަހްލޫފު ވިދާޅުވީ، ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ދައްކަމުންދާ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތަކުގައި، ޒިންބާބުވޭ އާއި ޔޫގެންޑާ އާއި އަފްޣާނިސްތާނު ފަދަ ގައުމަކަށް ރާއްޖެ ނުވަނީސް ކޮރަޕްޝަންގެ ހަރަކާތްތައް ހުއްޓައިލުމަށް މަހްލޫފު ސަރުކާރަށް ގޮވައިލެއްވި އެވެ.


އެމްޑީޕީގެ ކޮންގްރެސް ފަށަނީ މިރެ އެވެ. އަދި އެ ކޮންގްރެސް ތިން ދުވަހަށް ދެމިގެން ދާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.