ހުޅުމާލޭގައި އަމިއްލަ ބަޔަކު ހިންގާ "ހުޅުމާލޭ ޕްރީ ސްކޫލް"ގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ތަން އަނދައި ހުލިވެއްޖެ އެވެ.

ހުޅުމާލޭގައި ހުންނަ ސަންގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމު ދެންމެ ބުނީ ހުޅުމާލޭ މާ ޕާކް ހުންނަ ސަރަހައްދުގައި ހުންނަ ޕްރީ ސްކޫލުގެ ކްލާސް ރޫމްތަކާއި އޮފީސް ބައި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށެވެ. އޭނާ ބުނީ މިހާރު އެތަން ނިއްވާލާފައިވާ ކަމަށާއި ނަމަވެސް އަދި ވެސް ހިސާބަކަށް ދުން އަރަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މުރުޝިދު ބުނީ ކްލާސް ރޫމުތަކާއި އޮފީސް އިމާރާތަކީ ވަކިވަކިން ހުންނަ ދެ އިމާރާތް ކަމަށާއި އެ ދެ ބައި ރޯވެފައި ހުރުމުން އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ފުލުހުން ހިންގި ތަހުގީހުން އެއީ ބަޔަކު ނުވަތަ މީހަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭނެ އެއްްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 5:15 އެހާކަންހާއިރު ކަމަށާއި ނަމަވެސް މިހާރު އެ އަލިފާން އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައިވާ ކަމަށެވެ. ފުލުހުން ވެސް ބުނީ އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.