ބައިރޫތު (މޭ 30): ރަޝިޔާ އިން ގަތުމަށް ސޫރިޔާ އިން އެދިފައިވާ މިސައިލާއި ޢަސްކަރީ މަތިންދާ ބޯޓުތަކުގެ ޙަމަލާތަކުން ދިފާޢުވުމުގެ ނިޒާމު ކަމަށްވާ އެސް – 300 މަރުކާގެ ދިފާއީ އައްޑަނައިގެ ފުރަތަމަ ޝިޕްމަންޓްގެ މިސައިލްތައް ލިބިއްޖެކަން ސޫރިޔާއިން ކަށަވަރުކޮށްދީފި އެވެ.

މިކަން ކަށަވަރުކޮށްދެއްވީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު، ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ޓީވީ ސްޓޭޝަން ކަމަށްވާ "އަލްމަނާރު" އަށް ދެއްވި ބަސްދީގަތުމެއްގަ އެވެ. އެ ބަސްދީގަތުމުގައި ބައްޝާރު ވިދާޅުވެފައިވާ ގޮތުން އެސް–300 މަރުކާގެ ދިފާއީ އައްޑަނައިގެ ނިޒާމުގެ ފުރަތަމަ ޝިޕްމަންޓް ސޫރިޔާ އަށް ވާސިލްވެއްޖެ އެވެ. އަދި އެ ނިޒާމު އިންސްޓޯލް ކުރުމުގެ ކަންތައް ވަރަށް އަވަހަށްކުރާނެ ކަމަށް ވެސްބައްޝާރު ވިދާޅުވެފައިވެ އެވެ. މީގެއިތުރުން އެނިޒާމުގައި ބޭނުންކުރާނެ އިތުރު ރޮކެޓް ބެޓެރިތައް ވަރަށް އަވަހަށް ސޫރިޔާ އަށް ލިބޭނެ ކަމަށްވެސް ބައްޝާރު ވިދާޅުވި އެވެ.

އެސް–300 މަރުކާގެ ދިފާއީ އައްޑަނައިގެ ނިޒާމަކީ ރަޝިޔާގައި އުފައްދާ އެންމެ ޒަމާނީ ހަތިޔާރުގެ އެއްނިޒާމެވެ. މިއީ އެމެރިކާގައި އުފައްދާ ޕެޓްރިޔޮޓް މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމާ އެއްފެންވަރުގެ ނިޒާމެއްކަމަށް ޢަސްކަރީ ރިޕޯޓްތައް ބުނެ އެވެ. ރަޝިޔާގެ ޒަމާނީ ހަތިޔާރުގެ މިނިޒާމް ލިބުނުކަން ސޫރިޔާއިން ހާމަކޮށްފައި މިވަނީ ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތައް ވަންނަމުންދާ މައްސަލަ ކުށްވެރިކޮށް އިންސާނީ ހައްޤުތަކާބެހޭ އދ.ގެ ކައުންސިލުން އިއްޔެ ޤަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.

އެކައުންސިލްގެ ޤަރާރުގައިސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަންނަ ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކީ ސޫރިޔާ ސަރުކާރުގެ ބައިވެރިއެއް ކަމަށްވާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތް ކަމަށް ނުސީދާ ގޮތެއްގައި ބުނެފައިވެ އެވެ. މީގެއިތުރުން ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް އަލްޤާޢިދާގެ ހަނގުރާމަވެރިން ވެސް ވަދެފައިވާ އިރު ޢިރާޤުގެ ހަނގުރާމަވެރިން ވެސް ވަންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަލްޤާޢިދާގެ ހަނގުރާމަވެރިން ވަންނަމުންދާކަމަށްވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ދިފާޢުގަ އެވެ. ޢިރާޤާއި ހިޒްބުﷲގެ ހަނގުރާމަވެރިން ބައްޝާރުގެ ޢަލަވީ ތާއިފާގެ ސަރުކާރުގެ ދިފާޢުގަ އެވެ.

ރަޝިޔާގެ އެސް–300 މަރުކާގެ ދިފާއީ އައްޑަނައިގެ ނިޒާމު ލިބުނުކަން ސޫރިޔާ އިން އިޢްލާންކުރިއިރު އެމެރިކާ އިން ވަނީ 1990ގެ އަހަރުތަކުގައި ޢިރާޤުގެ ވައިގެ ސަރަހައްދުގައި އުދުހުން މަނާކުރާ ސަރަހައްދެއް ޤާއިމް ކުރިގޮތަށް ސޫރިޔާގެ ވައިގެ ސަރަހައްދުގައި ވެސް އުދުހުން މަނާކުރާ ސަރަހައްދެއް ޤާއިމް ކުރަންޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މީގެމާނައަކީ އެމެރިކާގެ ވައިގެ ސިފައިންގެ ސީދާ ޙަމަލާތައް ސޫރިޔާއަށް އަމާޒުވުމެވެ. ނަމަވެސް ސޫރިޔާގައި ރަޝިޔާގެ އެސް–300 މަރުކާގެ ދިފާއީ އައްޑަނައިގެ ނިޒާމު ހުރުމަކީ ސޫރިޔާގެ ވައިގެ ސަރަހައްދުގައި އުދުހުން މަނާ ސަރަހައްދެއް ޤާއިމްކުރުމަށް އެމެރިކާ އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމެއް ކަމަށް މުރާސިލުން ބުނެ އެވެ. ސޫރިޔާގެ ވައިގެ ސިފައިންގެ ޙަމަލާތަކުން އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިން ސަލާމަތް ކުރުމަށް ޓަކައި މިނިޒާމު ޤާއިމް ކުރިނަމަވެސް މިސަރަހައްދުގެ ސަބަބުން ވެސް ހުރިހާ ގެއްލުމެއް ލިބޭނީ ސޫރިޔާގެ ނިކަމެތި ރައްޔިތުންނަށް ކަމަށް ބެލެވޭ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުކައި އިރާގުގެ ވައިގެ ސަރަހައްދުގައި އެމެރިކާ އާއި އިނގިރޭސިވިލާތުން ޤާއިމްކުރި އުދުހުން މަނާކުރާ ސަރަހައްދުގެ ސަބަބުން ވެސް ހުރިހާ ގެއްލުމެއް ލިބިފައި ވަނީ ޢިރާޤުގެ ޢާންމުންނަށެވެ. އެސަރަހައްދު ޤާއިމްކޮށްގެން އެމެރިކާ ޢިރާޤަށް ދެމުންގެން ދިޔަ ޙަމަލާތަކުގައި ވެސް ގިނައިން މަރުވެ އަދި ޒަޚަމްވެފައި ވަނީ ކުށެއްނެތް ޢިރާޤުގެ ރައްޔިތުންނެވެ. (ނޫސްއެޖެންސީތައް)