އުތުރުގެ ހަތަރު އަތޮޅަކަށް ފެރީގެ ޚިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުން ސަރުކާރުން މިއަދު ބާތިލްކޮށްފި އެވެ.

ނ. ރ. ބ. އަދި ޅ. އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފައިވާކަން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަހުދީ އިމާދު ވަނީ "ސަން" އަށް ށަވަރުކޮށްދެއްވައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވަނީ، ގއ. އަދި ގދ. އަތޮޅަށް ފެރީގެ ޚިދުމަތް ދެމުން ގެންދިޔަ ދިބާޖާ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓްރައިނަސް މޯލްޑިވްސްގެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

"ސަން" އާ ވާހަކަދައްކަވަމުން ގއ. އަތޮޅު ކައުންސިލްގެ މެންބަރު އަބްދުއްސަލާމް މުހައްމަދު މިރޭ ވިދާޅުވީ ގއ. އަތޮޅާއި ގދ. އަތޮޅަށް ފެރީގެ ޚިދުމަތް ދެމުން ގެންދިޔަ ޓްރައިނަސް މޯލްޑިވްސްއިން އެއްބަސްވުމާ އެއްގޮތަށް ފެރީގެ ޚިދުމަތް ދެމުން ނުގެންދާތީ މިއަހަރުގެ ކުރީކޮޅު ޓްރާންސްޕޯޓް މިނިސްޓްރީން އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ.


މަހުދީ ވިދާޅުވީ އެ އެއްބަސްވުން ބާތިލް ކުރަން ޖެހުނީ އެގްރީމެންޓާ އެއްގޮތަށް އެ ކުންފުނިން ފެރީގެ ޚިދުމަތް ނުދޭކަމަށް ބުނެ އަތޮޅު ކައުންސިލްތަކުގެ ފަރާތުން ޝަކުވާ ލިބެމުން ދިޔުމުން އެ ކުންފުންޏާއި އަތޮޅު ކައުންސިލްތަކުގެ ބޭފުޅުންނާ އެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި އެގްރީމެންޓާ އެއްގޮތަށް އަމަލު ކުރުމަށް އެ ކުންފުންޏަށް އެންގި ނަމަވެސް ފަހުން ވެސް އެގްރީމެންޓާ އެއްގޮތަށް ފެރީގެ ޚިދުމަތް ދެމުން ނުގެންދާތީ ގާނޫނީ ބޭފުޅުންގެ ލަފާގެމަތިން މިއަދު އެގްރީމެންޓް ބާތިލް ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެރީގެ ޚިދުމަތްދިނުމަށް ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް ފަހު ރަނގަޅު ބަޔަކާއި ވާހަކަދައްކައިގެން ފެރީގެ ޚިދުމަތް ދިނުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ނ. ރ. ބ. އަދި ޅ. އަތޮޅު ކައުންސިލްގެ އިދާރާ އަށް މިއަދު ލިޔުމުން އަންގާފައިވާނެ ކަމަށް ވެސް މަހުދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގއ. އަދި ގދ. އަތޮޅަށް ފޭރީގެ ޚިދުމަތް ދިނުމަށް ކުއްޑޫ ފިޝަރީޒް މޯލްޑިވްސްއާއި މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެކަމަށް އަލިމަގެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.