މިރޭ އިރާކޮޅު މާލޭގެ ތިން ފިހާރައެއްގެ ބިއްލޫރި ބަޔަކު ތަޅާލައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިރޭ ބިއްލޫރި ތަޅާލާފައި ވަނީ އަލިކިލެގެފާނު މަގުގައި ހުންނަ ރެއިންބޯ ފަރުނީޗަރު ފިހާރައާއި އެ ފިހާރަ ކުރިމަތީގައި ހުންނަ ޓީސީ މާޓް އަދި ހަދީބީމަގުގައި ހުންނަ ކޫއްޑޫ މަސް ފިހާރަ ކަމަށެވެ. އެ ތިން ފިހާރައިގެ ތެރެއިން ރެއިންބޯ އަދި ޓީސީ މާޓްގެ ބިއްލޫރި ތަޅާލާފައި ވަނީ މިރޭ 7:45 ހާއިރު ކަމަށާއި ކޫއްޑޫ މަސްފިހާރައިގެ ބިއްލޫރި ތަޅާލާފައި ވަނީ 8:00 ހާއިރު ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

"އެ ހާދިސާ ހިނގުމާ ގުޅިގެން ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުން. ނަމަވެސް އަދި އެކަން ކުރި ބަޔަކު ހޯދިފައެއްނުވޭ،" އޭނާ ވިދާޅުވި އެވެ.

އެ ސަރަހައްދުގައި ތިބި ބަޔަކު "ސަން"އާ ވާހަކަދައްކަމުން ބުނީ ރެއިންބޯ އަދި ޓީސީމާޓާއި ކޫއްޑޫ ފިހާރައިގެ ބިއްލޫރި ތަޅާލާފައި ވަނީ އެތަންތަން ބަންދުކޮށްފައި ހުއްޓައި ގާބުރިއެއް އެއްލައިގެން ކަމަށެވެ.

އެ ތިން ފިހާރައިގެ ބިއްލޫރި ތަޅާލާފައި ވަނީ، ދާދިފަހުން މާލެ ތެރޭގައި ހިނގި ވަޅި ހެރުމުގެ ހާދިސާތަކަކާ ގުޅިގެން ފުލުހުން 50 މީހަކު ހޯދަން ނުކުމެފައި ވަނިކޮށެވެ.