30 May 2013, 20:59
ތައިލެންޑްގެ ބޮޑުވަޒީރުގެ ޔިންގްލަކް ޝިނަވަޓްރާ އަންނަ ހަފުތާގައި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެކި ދާއިރާތަކަކުން ހަތް އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައީސް މުހައްމަދު ވަހީދުގެ ދައުވަތަކަށް ތައިލެންޑްގެ ބޮޑުވަޒީރު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި ބޮޑުވަޒީރު ރައީސްއާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަ ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މި ބައްދަލުކޮށްލެއްވުމަށްފަހު، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކަކުން ހަތް އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ތައިލެންޑްގެ ބޮޑުވަޒީރު، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ދަތުރުފުޅާބެހޭ މައުލޫމާތު ދެއްވުން ވެސް އޮންނާނެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް އޮފީހުން ބުނީ ތައިލެންޑްގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސް ރަސްމީ ޖާފަތެއް ވެސް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން މާދަމާ ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ސްރީލަންކާގެ ދަ ނޭޝަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ތައިލެންޑްގެ ކޮމާސް މިނިސްޓަރު ބޫންސޮން ޓެރިޔަޕިރަމް ވިދާޅުވީ އެ ދަތުރުފުޅުގައި އާ މާކެޓްތައް ހޯދުމަށް ތައިލެންޑުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖެއާއި ސްރީލަންކާއާ އެކު ކުރާ ވިޔަފާރި އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ތައިލެންޑްގެ ޓްރޭޑް ނެގޯޝިއޭޝަންސް ޑިޕާޓްމެންޓް އިން އާއްމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ސްރީލަންކާ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ތައިލެންޑާ އެކު ހަތަރު ވަނަ އަށް އެންމެ ގިނަ ވިޔަފާރި ކުރާ ގައުމެވެ. އަދި ރާއްޖެއަކީ 10 ވަނައަށް އެންމެ ގިނަ ވިޔަފާރިކުރާ ގައުމެވެ.