30 May 2013, 19:19
ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުލަބް ވެލެންސިޔާ އަތުން 2-0ން މޮޅުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، މެޗަކުން މޮޅުވުމަށް ކުރަމުން ދިޔަ އިންތިޒާރު ނިމުމަކަށް ގެނެސްފިއެވެ.
ހުސްވި މަހުގެ 15 ވަނަ ދުވަހު ކުލަބު ވެލެންސިޔާ އަތުން 3-2 ން ބަލިވި މެޗަށްފަހު މާޒިޔާއިން ލީގުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. އެހެން ކަމުން މިއަދުގެ މެޗަށް އެކުލަބު ނުކުތީ ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސް މޮޅުވުމުގެ ސިލްސިލާއެއް ފެށުމުގެ ވަރުގަދަ އަޒުމަކާއި ގެންނެވެ.
މެޗުގެ ފުރަތަމަ މެޗު ފެށިގެން މާކަ ގިނައިރެއް ނުވަނީސް މާޒިޔާ މޮޅަކަށް ކުރަމުން ގެންދިޔަ އިންތިޒާރު ނިމުމަކަށް ގެނެސްދިން ލަނޑު ކާމިޔާބު ކޮށްދިނީ މާޒިޔާގެ ކެޕްޓަން އަޙްމަދު ރަޝީދު (އައްމަޑޭ) އެވެ. އަދި ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އިބްރާހީމް ޝިޔާމް (ދޮނާ) ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް މާޒިޔާގެ ލީޑު ފުޅާ ކޮށްފަ އެވެ.
މިއަދުގެ މެޗުގައި މާޒިޔާއިން ދެ ލަނޑު ކާމިޔާބު ކުރި ނަމަވެސް މެޗުގެ ގިނަވަގުތު ބޯޅަ ގެންގުޅެ ރަނގަޅު ހަމަލާތަކެއް އުފައްދާފައިވަނީ ކުލަބު ވެލެންސިޔާއިން ނެވެ. އެގޮތުން ފަހު ހާފުގައި ނަތީޖާ ބަދަލު ކޮށްލާނޭ ރީތި ތިން ފުރުސަތެއް އެކުލަބުން ވަނީ ބޭކާރު ކޮށްލާފަ އެވެ.
މިއަދުގެ މެޗުން މޮޅުވުމުން މާޒިޔާވަނީ 15 ޕޮއިންޓު ފައިދާ ހަތަރު ލަނޑާއެކު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. ކުލަބު ވެލެންސިޔާ އޮތީ 15 ޕޮއިންޓު ފައިދާ ދެ ލަނޑާއެކު ތާވަލުގެ ތިންވަނައިގަ އެވެ.
މެޗާ ބެހޭ ގޮތުން މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒު (އިންމަ) ބުނީ މެޗުން މޮޅުވެ ތިން ޕޮއިންޓު ލިބުމުން ވަރަށް ހިތްހަމަ ޖެހިއްޖެ ކަމަށާއި ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށެވެ.
"މެޗާ ދޭތެރޭގައި ހިތްހަމަ ޖެހޭ. އަޅުގަނޑުމެން މިއަދުގެ މެޗަށް ނުކުތީ ޓީމު މިހާރު މިއޮތް ހާލަތަށް ބަލާފައި އަޅުގަނޑުމެން ތިން ޕޮއިންޓު ހޯދުން މަޖުބޫރު ކަމަށް ދެކިގެން. އިރާދަ ކުރެއްވީތީ އަޅުގަނޑު މެންނަށް އެކަން ހާސިލް ވެއްޖެ. އަދި ކުރިއަށް އޮތްތާނގައި ކުރިއަށް ދިއުމަށްވެސް އަޅުގަނޑުމެންނަށް ވަރަށް މުޙިންމު ތިން ޕޮއިންޓު މި ލިބުނީ،" އިންމަ ބުންޏެވެ.
މާލީ ޙާލަތު ގޯސްވުމުގެ ސަބަބުން ރެލިގޭޝަނުގެ ބިރުވެސް ކުރިމަތި ވެފައިވާ ވެލެންސިޔާއާ މިއަދުގެ މެޗުގައި ކުޅެން ޖެހުމަކީ އިންމަ ދެކޭ ގޮތުގައި މާޒިޔާއަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ.
"މި މެޗަކީ އަޅުގަނޑުމެންނަށް މޮޅުވާން ހަމަ މަޖުބޫރު މެޗެއް، އަދި ޑްރޯއަކުންވެސް ފަރު ޖައްސާލެވޭކަށް ނެތް. އެއީ އަޅުގަނޑުމެން ވާދަ ކުރަން މިޖެހެނީ ވެލެންސިޔާއާ. އެހެން ވީމާ އެމީހުން ޕްރެޝަރުގައި އޮތް މިދަނޑިވަޅުގައި ކުޅެން ޖެހުމަކީވެސް އަޅުގަނޑުމެންނަށް ލިބުނު ނަސީބެއް،" އިންމަ ބުންޏެވެ.
ވެލެންސިޔާގެ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ބުނީ މެޗުގެ ނަތީޖާއާ ދޭތެރޭގައި ހިތްހަމަ ނުޖެހުނު ނަމަވެސް އޭނާގެ ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށެވެ.
"ނަތީޖާއާ ދޭތެރޭގައި ހިތްހަމައެއް ނުޖެހެއޭ ދެންނެވޭނީ. ފުރަތަމަ ހާފުގައި އެންމެ ރަނގަޅަކަށް ނޫން ކުޅެވުނީކީ. މިސްޓޭކްތައް ތަންކޮޅެއް ގިނަކޮށް ދިޔައީ. ބޭރު ކުޅުންތެރިން ރުޅިގަދަވެގެން ރެފްރީއާ ހެދި އުޅޭތަން ފެނުނީ. ދެން ވަރަށް ސިމްޕަލް ދެ ގޯލް ވަނީވެސް. އެހެން ނަމަވެސް ފަހުހާފުގައި ވަރަށް ރަނގަޅަށް ކުޅުނު. އަދި ޗާންސްތައްވެސް ކްރިއޭޓް ކުރި،" މޯހަން ބުންޏެވެ.
ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ނުވަ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި އޮތް ކުލަބު އީގަލްސްއާއި ހަތަރު ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.