ޖަސްޓިސް ރިޓަޔާޑް ކަމުގެ ލަގަބު އަރުވާފައިވާ ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ކުރީގެ ރައީސް މުޖުތާޒު ފަހުމީ (މުޖޭ) އާއި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމިންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ތުހުމަތު ކުރައްވައިފި އެވެ.
~
ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސުއޫދު ވާހަކަފުޅު ދައްކަވާފައި ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފު ސަސްޕެންޑް ކުރި މައްސަލާގައި މިއަދު އެމަނިކުފާނުގެ ލޯފާމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ސުއޫދު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން އޮތީ އަނދިރި ފަރާތްތަކެއްގެ ބާރުގެ ދަށުގައި ކަމަށާއި ސިޔާސީ މަސްލަހަތުތަކެއް އޮތް ފަރާތްތަކެއްގެ ނުފޫޒު ދަށުގައި އެ ކޮމިޝަންވާ ކަމަށް ސުއޫދު ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑަށް އެނގެނީ މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން މިއޮތީ އަނދިރި ފަރާތްތަކެއްގެ ބާރުގެ ދަށުގައި ކަން. ސިޔާސީ މަސްލަހަތުތަކެއް އޮތް ފަރާތްތަކެއްގެ ނުފޫޒު ދަށުގައި ޖޭއެސްސީ އޮތް ކަން. އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ގާނޫނު އަސާސީ ޑްރާފްޓްކުރި އިރު ވެސް އަޅުގަނޑުމެން ގަބޫލު ކުރި ގޮތެއް ނޫން،" މޯލްޑިވްސް ބާ އެ ސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ކޮންޓްރޯލް ޖޭއެސްސީގެ މައްޗަށް އެބަ އޮތެވެ. ސުއޫދު ވިދާޅުވީ ވަކި ފަނޑިޔާރުންތަކެއް ވަކި ޕޮޒިޝަންތަކަށް ހަމަޖައްސާނެ ކަމަށް ގެރެންޓީ ނާޒިމް ދެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ވަކި މަގްސަދުތަކަށް ޓަކައި ވަކި ފަނޑިޔާރުންތަކެއް ވަކި ޕޮޒިޝަންތަކަށް އިންސްޓޯލް ކުރުމަށް "ޑީލްތަކެއް" ހަދާފައިވާ ކަމަށާއި އެގޮތުން "ނިންމުންތަކެއް ނިންމުމުގެ ކުރިން" ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ހަމަޖައްސަވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީ އަށް ކަނޑަޅުއްވާފައިވާ ސްޕީރިއާ ކޯޓުތަކުގެ ފަނޑިޔާރު އަބްދުﷲ ދީދީ ކްރިމިނަލް ކޯޓޫގެ އިސް ފަނޑިޔާރަކަށް ހަމަޖައްސަވަން އުޅޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިވިލް ކޯޓުގައި ތިބި "އެންމެ ރަނގަޅު" ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އައިޝަތު ސުޖޫން އާއި ފަނޑިޔާރު މަރިޔަމް ނިހާޔަތު ޑްރަގް ކޯޓަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިއީ ރޭވުންތަކެއްގެ ތެރެއިން، ކުރެވިގެންދާން އުޅޭ ކަންތައްތަކެއް. ވަކި ބަޔަކު އެދޭ ގޮަތަކަށް، ރުހޭ ގޮތަކަށް ކަންކަން ކުރުމަށްޓަކައި ފަނޑިޔާރުންތަކެއް އިންސްޓޯލް ކުރައްވަނީ ކަމަށް. މިކަހަލަ އިލްޒާމްތަކާއި ތުހުމަތުތަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބޮލުގައި އެޅިގެންވާނެ ކަންތައްތަކެއް ނޫން. މި ކަންތައްތަކުން އެބަޖެހޭ ބަރީއަތްވާން،" ސިވިލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރައްވާފައިވާ ސުއޫދު ވިދާޅުވި އެވެ.

ފަނޑީޔާރު ކަމުން ރިޓަޔާ ކުރައްވާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ކުރީގެ ރައީސް މުޖުތާޒު ފަހުމީގެ ނުފޫޒުގެ ދަށުގައި މުޅި ޖުޑީޝަރީވާ ކަމަށް އިޝާރާތް ކުރައްވައި ސުއޫދު ވިދާޅުވީ ފަނޑިޔާރުންނަށް މުޖުތާޒު ގުޅުއްވައި ވަކި މައްސަލަތަކެއް އަވަސްކޮށްދިނުމަށް އެދެމުންދާ ކަމަށެވެ. އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިން ހައި ކޯޓުގެ ފަނޑިޔާރުންނަށް ގުޅުއްވަމުން ގެންދަވާ ކަމަށް ވެސް ސުއޫދު ތުހުމަތު ކުރެއްވި އެވެ.

ސުއޫދު ވިދާޅުވީ އޭނާ ކުރައްވާ ތުހުމަތަކީ އެއްވެސް ފަނޑިޔާރެެއްގެ މައްޗަށް ކުރާ ތުހުމަތެެއް ނޫން ކަމަށާއި އޭނާ ކުރާ ތުހުމަތު ރައްދު ވަނީ ކޯޓުތަކާއި ގުޅުމެއް ނެތް ބައެއްގެ މައްޗަށް ކަމަށެވެ. އަދި ވިދާޅުވީ އެ ތުހުމަތުތައް ސާބިތު ކުރެވޭނެ ހެކި ހުރި ކަމަށާއި އެގޮތުން ފަނޑިޔާރުން ދިން މައުލޫމާތުގެ އަލީގައި އެކަމުގެ ހެކި އެބަހުރި ކަމަށާއި އެކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ. ފަނޑީޔާރުންނަށް ނުފޫޒު ފޯރުވާ ފަރާތްތަކުގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"ނުފޫޒު ފޯރުވައޭ އަޅުގަނޑު މިބުނާ ބަހުގެ މާނައަކީ ފޯނުން ގުޅުއްވާފައި މައްސަލަ ނިންމައިދޭން މައްސަލަ އަވަސްކޮށްދޭން، މުޖުތާޒު ފަހުމީ އެދެމުންދާ ކަމަށް. އެކަން ފަނޑިޔާރެއްގެ ފަރާތުން ސާފުވެފައި އެބަހުރި،"

ސުއޫދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ޝަރުއީ ދާއިރާގައި މުޖުތާޒު ފަހުމީ ވިދާޅުވީ އެއްވެސް އިރެއްގައި ފަނޑިޔާރަކު ކޯޓުގައި ބައްލަވާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ޝަރުއީ ދާއިރާގައި ގިނަ ދުވަހު ހޭދަކުރައްވާފައިވުމުން އޭނާއާ އެކު މަސައްކަތް ކުރެއްވި ފަނޑިޔާރުންގެ "ކެއާ" ލިބެމުންދާ ކަމަށް މުޖުތާޒު ވިދާޅުވި އެވެ. މުޖުތާޒު ވިދާޅުވި ގޮތުގައި އެފަދަ ތުހުމަތުތަކެއް ސުއޫދު ކުރައްވާފައި ވަނީ "އަޅުގަނޑާ ޗެލެންޖު ކުރައްވައި ފެއިލްވެވަޑައިގަތުމުން" ކަމަށެވެ.

"ކޯޓުތަކުގެ ކަންތައްތަކާއި ބެހި، ފަނޑިޔާރުންނަށް ބައްލަވާ މައްސަލަތަކާ އަޅުގަނޑު ބެހި ނޫޅެން. އެހެނެއް ނޫން އަޅުގަނޑަކީ އެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ރައްޓެހިން ތިބޭނެނޫންތޯ. އެ ފަނޑިޔާރުނާ އަޅުގަނޑު ވާހަކަ ދައްކަން. އެބޭފުޅުން އަޅުގަނޑަށް ކެއާ ކުރާނެ،" މުޖުތާޒު ވިދާޅުވި އެވެ.

ފަނޑިޔާރުންނަށް ޔާމިން ގުޅުއްވައި ނުފޫޒު ފޯރުވާ ކަމަށް ސުއޫދު ވިދާޅުވުމުން، އެކަމަށް ކުރައްވަން އޮތް ކޮމެންޓަކީ ކޮބައިތޯ ޔާމިނަށް އެސްއެމްއެސް ކުރުމުން ހަމަމައެކަނި ވިދާޅުވީ "ސުއޫދު އުޅުއްވަނީ ހިޔާލީ ދުނިޔެއެއްގައި" ކަމަށެވެ.

ނާޒިމްއަށް ގުޅުއްވުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ސުއޫދު ކުރެއްވި ތުހުމަތާ ގުޅިގެން އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.