ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ ޝަރީއަތް މިއަދު ބޭއްވުމަށް ޝެޑިއުލް ކުރުމަށް ފަހު ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި އެ ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ މައްސަލަ މިއަދު ބާއްވަން ޝެޑިއުލްކޮށްފައި އޮތް ނަމަވެސް ދިމާވި އިދާރީ މައްސަލައެއްގެ ސަބަބުން ނޫސްވެރިންނާއި އާންމުންނަށް ފެންނަ ގޮތަށް ނޯޓިސް ބޯޑުގައި ބަހައްޓާ ޝެޑިއުލްގައި އެ މައްސަލަ ހިމަނާފައި ނުވާކަމަށެވެ.

"އަޅުގަނޑުމެން ބަލަމުންގެންދާ މައްސަލަތަކަކީ ކުރީއްސުރެ ޝެޑިއުލް ކުރެވިގެން އެއް ދުވަސް ކުރިން މައްސަލަތައް ޝެޑިއުލްކޮށް ވެބްސައިޓުގައި ޝާއިއުކޮށް ތިބޭފުޅުންނަށް ފެންނަން ހުންނާނެ. އެހެންނަމަވެސް މިއަދު މި ދިމާވި ކަމަކީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ދައުވާ ލިބޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްސަލަ ޝެޑިއުލްކޮށްފައި އޮތީ. އެހެންނަމަވެސް ވެބްސައިޓުގައި އަޅުގަނޑުމެން ޝާއިއުކޮށްފައިވާ ލިސްޓާއި އަޅުގަނޑުމެން [ނޯޓިސްބޯޑިގައި] އާންމުކޮށްފައިވާ ލިސްޓުގައި މި މައްސަލަ ހިމަނާފައެއް ނުވޭ،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުމާމްގެ ޝަރީއަތް މިއަދު ބާއްވަން އުޅޭކަމުގެ މައުލޫމާތު ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް އެނގިފައި ނުވާކަން އެ މައްސަލަ ބައްލަވާ ގާޒީގެ ސަމާލުމަށް އައުމާ އެކު މިއަދުގެ ޝަރީއަތް ކެންސަލްކުރައްވާފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތް ކެންސަލް ކުރެއްވުމަށް ފަހު އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 2:00ގައި އެ މައްސަލަ ބޭއްވުމަށް މިހާރު ޝެޑިއުލް ކޮށްފައިވާ ކަމަށާއި އެގޮތަށް ހަމަޖެއްސީ ހާމަކަމާ އެކު ނޫސްވެރިންނަށް ވެސް ޝަރީއަތް އަޑުއެހުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

"ގާޒީގެ ސަމާލުކަމަށް އައީ އެ މައްސަލަ ޝެޑިއުލް ކުރި ނަމަވެސް އާންމުންނަށް ނޭނގޭ ކަމަށާއި ވެބްސައިޓުގައި ޝާއިއުކުރެވިފައިވާ ޝެޑިއުލްގައި ވެސް މި މައްސަލަ ހިމެނިފައި ނުވާތީ. މި މައްސަލައަކީ އަޅުގަނޑުމެންގެ މިއަދުގެ މި މާހައުލުގައި އަޅުގަނޑުމެން ހުރިހާ އެންމެން ވެސް ސަމާލުކަންދީ، އަޅުގަނޑުމެންގެ މީޑިއާތަކުން ވެސް ޚާއްސަ ސަމާލުކަމެއްދީ ކަވަރު ކުރަމުން އަންނަ މައްސަލައަކަށް ވާތީ އެބޭފުޅުންނަށް ވެސް މި މައްސަލައިގައި ވާނުވާ އެނގޭނެ ކަހަލަ ގޮތަކަށް މި މައްސަލަ ބޭއްވުމަށް ގާޒީ ނިންމެވީ. އެހެންކަމުން ގާޒީ ވަނީ އަންނަ ހޮނިހިރު ދުވަހުގެ 2:00 އަށް މި މައްސަލަ ޝެޑިއުލް ކޮށްފައި." މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަދުއަޚްލާގީ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގެ ޝަރީއަތް ފިޔަވައި އެ ކޯޓަށް ހުށަހެޅޭ އެހެން މައްސަލަތަކުގެ ޝަރީއަތްތަކުގެ އަޑުއެހުންތަކަށް ޖާގައޮތް މިންވަރަކުން ނޫސްވެރިންނާއި އާންމުންނަށް ވެސް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެ މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކަތިވަޅިއަކުން ޖަހައި އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމު ވަނީ އެއްބަސްވެފަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލަން ޖެހޭ ކަމަށް އޭނާ ކައިރީ ފުރަތަމަ ބުނީ ސިފައިންގެ ކޯޕްރަލް އަޒުލިފް ރައޫފު ކަމަށް ހުމާމް ވަނީ ބުނެފަ އެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލަން ޖެހެނީ ކީއްވެގެންތޯ ހުމާމު ސުވާލު ކުރުމުން އަފްރާޝީމް "ދުއްވާލަން" ޖެހެނީ އޭނާގެ ކަންތައް މާބޮޑުވެފައި ވާތީ ކަމަށާއި އިހަށް އެކަންތައް "ހައިޑްކޮށްފައި" (ސިއްރުކޮށްފައި) ބޭއްވުމަށް އަޒުލިފް އޭނާގެ ގާތު ބުނި ކަމަށް ހުމާމް ބުންޏެވެ.

ހުމާމް ބުނީ އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) އާއި ޖާގެ ބޭބެ ޖަނާ އާއި އަޒުލިފްއާ ޖަލަޕީނޯ ތެރެއިން ކޮފީއަކުން ދިމާކޮށް އަފްރާޝީމް މަރާލާނެ ގޮތާ ގުޅޭގޮތުން ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

ޖަލަޕީނޯގައި ކޮފީގައި ތިބެ ދެކެވުނު ވާހަކައިގައި އެއް މިލިއަން ރުފިޔާ އެޑްވާންސްކޮށް ލިބިފައިވާ ކަމަށް އަޒްލިފް އޭނާގާތު ބުނި ކަމަށް ވެސް ހުމާމް ބުންޏެވެ. އަދި ބުނީ އަފްރާޝީމް މަރާލުމުގެ ކަންތައް "ވަރަށް ރެޑީ" (ވަރަށް ތައްޔާރު) ކަމަށް ވެސް ޖަލަޕީނޯގައި ކޮފީގައި ތިބެ ދެކެވުނު ވާހަކައިގައި އަޒުލިފް ބުނި ކަމަށެވެ.

ހުމާމް ބުނީ އަފްރާޝީމް "ދުއްވާލަން" ޖެހޭ ސަބަބުތަކުގެ ތެރޭގައި ވެރިކަން ބަދަލުވި ދުވަހު ޓީވީ އަށް އަރައި އޭނާ ދެއްކި ވާހަކަތައް ހިމެނޭ ކަމަށް "ޖާ" މެން އޭނާ ގާތު ބުނެފައިވާ ކަމަށެވެ.

އަފްރާޝީމް މަރާލުމުގައި ބައިވެރިވެފައި ވަނީ އޭނާގެ އިތުރުން ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އާއި "ނަންގި" ކަމަށް ވެސް ހުމާމް ބުންޏެވެ.

ހުމާމް ބުނީ އަފްރާޝީމް ގެއަށް ވަޑައިގަތުމުގެ ކުރިން އަލީ ޝާން އެގޭތެރެއަށް ވަތް ކަމަށެވެ. އަދި ގާތްގަނޑަކަށް ތިން މިނެޓް ފަހުން އަފްރާޝީމް ދޮރޯށިން ވަދެވަޑައިގަތުމުން އޭނާ ގޮސް އެގެއަށް ވަދެ ކަތިވަޅި ހޫރާލުމުން އަފްރާޝީމް އަށް ސިހުމެއް ލިބިވަޑައިގެން ކަމަށް ވެސް އޭނާ ބުންޏެވެ. ދެން ކަތިވަޅިން ދެ ފަހަރު އޭނާ އަފްރާޝީމްގެ ބޮލުގައި ޖެހުމުން، އަލީ ޝާން ވަޅިން އަފްރާޝީމްގެ ގައިގައި ޖެހި ކަމަށާއި އެވަގުތު އޭނާ ބިންމައްޗަށް ވެއްޓުނު ކަމަށް ވެސް ހުމާމް ބުންޏެވެ.

"ކަތިވަޅި ހޫރުވާލުމުން އޭނާ [އަފްރާޝީމް] އަށް ސިހުމެއް ލިބުނު. އަހަރެން ބޮލުގައި ކަތިވަޅިން ޖެހީ. ދެން ސަޓޯ [އަލީ ޝާން] ވަޅިން ޖެހީ،" ހުމާމް ބުންޏެވެ.

ހުމާމް ބުނީ އަފްރާޝީމްގެ ގައިން އޮހޮރުނު ލޭ އޭނާގެ ގަޔަށް ވެސް ބުރައިގެން ދިޔަ ކަމަށެވެ. އަދި އަފްރާޝީމް މަރާލުމަށް ފަހު އަލީ ޝާން ބުނެގެން އަމީރު އަހްމަދު ސްކޫލް ކައިރީ ހުންނަ ޝަހީދު އަލީ މިސްކިތަށް ގޮސް އޭނާގެ ގައިގައި ހުރި ލޭ ދޮވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހުމާމް ބުނީ ޑރ.އަފްރާޝީމް މަރާލުމުގެ 24 ގަޑިއިރު ކުރިން އަލިމަސް ކާނިވަލުގައި ހުންނަ ޑޮލްފިން ކެފޭ ތެރޭގައި އިނދެގެން ރެޑް ބުލް އާއި މިކްސްކޮށްގެން ހަތަރު ފުޅި ބަނގުރާ ބުއި ކަމަށެވެ. އޭގެ އިތުރުން "ތެޔޮބިޑި" ވެސް ބޮއިފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އަފްރާޝީމަށް ހަމަލާދިނުމުން އޭނާ ސިޑިކައިރި އަށް ވެއްޓިފައި އޮތް އިރު މަރުވި ކަމެއް ނޭނގޭ ކަމަށާއި ދެން އެއަށް ފަހު ހ. އަޑިޕާކްކައިރީ ހުންނަ ޕެޓް ޕާކަށް ގޮސް އެއްޗިހި ބަދަލު ކުރުމަށް ދިޔުމަށް އަލީ ޝާން ބުނުމުން އޭނައާ އެކު އެތަނަށް ގޮސް އެއްޗިހި ބަދަލު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ޓީވީއެމްގެ ޕްރޮގްރާމް ނިންމާލުމަށް ފަހު އަފްރާޝީމް ކާރުކޮޅުގައި ދަތުރު ކުރި މަގުތައް ފޯނުން ގުޅައި ވަގުތުން ވަގުތަށް އަޒުލިފް އަލީ ޝާން އަށް ކިޔައިދެމުން ގެންދިޔަ ކަމަށް ވެސް ހުމާމް ބުންޏެވެ. އަދި އަފްރާޝީމް މަރާލުމުގެ ކުރީގެ ދުވަހެއްގައި އަފްރާޝީމް ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ދާނެ މަގު ވެސް އަޒުލިފް ކިޔައިދީފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އަފްރާޝީމް މަރާލުމަށް އެގޭ ކައިރިއަށް ދިޔައީ އަލީ ޝާން އާ އެއްކޮށް ހެންވޭރުގައި ހުންނަ ފެމެލީ ކޯޓު ކައިރިން ބުރުޒުމަގުން ލާފައި އަމީނީމަގަށް ނުކުންނަން އޮންނަ ގޯޅިއަކުން ކަމަށް ވެސް ހުމާމް ބުންޏެވެ.

އަފްރާޝީމް މަރާލުމުގެ ކުރިން އަލީ ޝާން އާއި އޭނައާ ދެ މީހުން ބުރުޒު މަގުން ގޮސް އަމީނީމަގުން އަފްރާޝީމް ދިރިއުޅުއްވާ ގެ ސަރަހައްދު ބަލައި ޗެކްކޮށް ހެދި ކަމަށް ވެސް ހުމާމް ބުންޏެވެ.