ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފު މުއްދަތެއް ނެތް ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާގެ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ ތިން މެންބަރަކު ވޯޓު ދެއްވައިގެން ހައި ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑް ކުރި މައްސަލާގައި ސުއޫދު މިއަދު ވިދާޅުވީ ޖޭއެސްސީގެ ނިންމުމަކީ ފަނޑިޔާރަކަށް ނުފޫޒު ފޯރުވައި ފަނޑިޔާރެއްގެ މިނިވަންކަން ގެއްލޭ ގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ. އަދި އެކަން ސާބިތު ކުރުމަށް އަންނަ އާދީއްތަ ދުވަހު އެ މައްސަލަ ސިވިލް ކޯޓަށް ވައްދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ކުރީގެ ރައީސް ނަޝީދުގެ ހުށަހަޅުއްވާފައިވާ އިޖުރާއީ ނުކުތާގެ މައްސަލާގައިގެ ޝަރީއަތް ކެންސަލްކޮށްފައި ވަނިކޮށް، ހައި ކޯޓުގެ ފަނޑިޔާރާ މެދު ފިޔަވަޅު އެޅި މަގުސަދާ މެދު ސުވާލު އުފައްދައި ސުއޫދު ވިދާޅުވީ އިސް ފަނޑިޔާރު ސަސްޕެންޑު ކުރުމަށް އެޅި ފިޔަވަޅަކީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކުރުމަށް ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

"ސިޔާސީ ނުފޫޒުތަކެއް އެކަންތައްތަކުގެ މައްޗަށް އޮތް ކަމަށް މި ތުހުމަތު ކުރެވެނީ ތިން މެންބަރެއްގެ ނިންމުމުން މިކަން ކުރެވުނީމަ... ވޯޓު ދެއްވީ ކޮން މެންބަރުންނެއްތޯ ބަލާލަން އެބަޖެހޭ. އެޖެންޑާ ކުރެވުނު ވަގުތާއި އެކަން [ޖޭއެސްސީގެ] މެންބަރުންގެ ސަމާލުކަމަށް ގެނަވުނުތޯ ބަލަން އެބަޖެހޭ. އެ އިޖުރާއަތްތައް ޑިއު ޕްރޮސެސްގައި ފުލޯ ކުރެވުނުތޯ، ކުއްލިއަކަށް ކީއްވެތޯ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރެވުނީ. ތަރުތީބުން އައިސް އެ މައްސަލަ އެޖެންޑާ ކުރެވުނީތޯ ބަލަންއެބަ ޖެހޭ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރި ގޮތާ މެދު ސުވާލު އުފައްދައި ހައި ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، އެ މައްސަލަ ރައްދުވާ ޖޭއެސްސީން ހައި ކޯޓުގެ އިސް ފަނޑިޔާރާ މެދު ފިޔަވަޅު އަޅަން ނުނިންމޭނެ ކަމަށެވެ. ސުއޫދު ވިދާޅުވީ ކޯޓެއްގައި ހިނގަމުންދާ މައްސަލައިގެ ހަސްމަކު އެ ކޯޓެއްގެ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުމަކީ އަދުލު އިންސާފުގެ މިންގަނޑުތަކާއި "ކޮންޕްލިކްޓް އޮފް އިންޓްރަސްޓް" އާއި އަދުލު އިންސާފުގެ ނިޒާމުގައި ގެންގުޅޭ ހުރިހާ ކޮންސެޕްޝަންތަކާ ހިލާފަށް ނިންމާފައިވާ ނިންމެއް ކަމަށެވެ.