ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ މަހުގެ ނިޔަލަށް 350 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން މިއަދު އާއްމުކުރި މިދިޔަ މަހުގެ އިގްތިސޯދީ ރިވިއުގައި ބުނެފައި ވަނީ މާޗް މަހާ އަޅާބަލާއިރު، ދައުލަތުގެ ރިޒާވަށް މިދިޔަ މަހު 12.7 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ހުރި ބޭރު ފައިސާއަކީ ގާތްގަނޑަކަށް 2.6 މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ހުރި 338.2 މިލިއަން ޑޮލަރަކީ ގާތްގަނޑަކަށް 2.5 މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް 133.9 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ހަ ޕަސެންޓް އިތުރު އަދަދެކެވެ.

އެމްއެމްއޭ އިން ދާދިފަހުން ބުނެފައިވަނީ އަހަރު ނިމޭއިރު ބޭރު ފައިސާގެ ރިޒާވް ހުންނާނީ 1.3 މަސް ދުވަހަށް ބޭނުންވާ ތަކެތި އެތެރެކުރެވޭ މިންވަރަށް ކަމަށެވެ.

އެ އޮތޯރިޓީން މިދިޔަ ހަފުތާގައި ނެރުނު މިދިޔަ އަހަރުގެ މާލީ އުސްއަލިތައް ހިމެނޭ ރިޕޯޓުގައި ބުނެފައި ވަނީ ދާދިފަހުން ދެއްކި ބޭރުގެ ދަރަނިތަކާއި ކަރަންޓް އެކައުންޓް ދަރަނި ބޮޑުވުމާ ގުޅިގެން، މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު މިއަހަރު ނިމޭއިރު 291.4 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.