28 Oct 2010, 10:09
ޑޮލަރު އެކައުންޓެއް ނެތް ފަރާތަކަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ވިސާ ޑެބިޓް ކާޑް އިޝޫނުކޮށްދޭނެ ކަމަށް ކަނޑައަޅައި ބޭންކް އޮފް މޯލްޑިވްސް އިން އިއުލާންކޮށްފި އެވެ.
ރައްޔިތުންނާއި ސަރުކާރު ބައިވެރިވާ، ވިޔަފާރި ބޭންކްގެ ހެޑް އޮފް ކާޑް ސެންޓަރު މުހަންމަދު ޝަރީފު މިއަދު ވިދާޅުވީ އެފަދަ ބަދަލެއް ގެންނަވަން މަޖުބޫރުވީ ބޭންކަށް ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ ޑިމާންޑް ބޮޑުވެފައިވާތީ އާއި ރުފިޔާ އެކައުންޓްތައް ބޭނުންކޮށްގެން ރާއްޖެ އިން ބޭރުން ޑޮލަރު ޕާޗޭސް ކުރާވަރު ބޮޑުވުމުން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މިހާރު ދޫކަރައްވާފައިވާ ވިސާ ކާޑްތަކުގެ މުއްދަތު ހަމަވަންދެން ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރު ލިބޭނެ ކަމަށެވެ.
‹ބޭންކަށް ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ ޑިމާންޑް ބޮޑުވެފައިވާތީ އާއި ރުފިޔާ އެކައުންޓްތައް ބޭނުންކޮށްގެން ރާއްޖެ އިން ބޭރުން ޑޮލަރު ޕާޗޭސް ކުރާވަރު ބޮޑުވުމުން›
ޝަރީފު ވިދާޅުވި ގޮތުގައި މިހާރު ދޫކުރައްވާފައިވާ ކާޑްތަކަށް ދުވާލަކު ނެގޭނީ ގިނަ ވެގެން 600 ޑޮލަރު ކަމަށެވެ. އެއީ އޭޓީއެމްތަކުން 200 ޑޮލަރާއި ޕޮއިންޓް އޮފް ސޭލްސް ޓާމިނަލްތަކުން 400 ޑޮލަރު ކަމަށެވެ.
ރާއްޖޭގައި ޑޮލަރުގެ ތާށިވެ އަދި ކަޅު ބާޒާރެއް އުފެދެމުން އަންނަ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ. އަދި ބައެއް ބޭންކުތަކުން ޑޮލަރު އެކައުންޓުން ވެސް ޑޮލަރު ދޫކުރުމަށް އިއުތިރާޒު ކުރާ ކަމަށް ބައެއް މީހުން ބުންޏެވެ.
ރާއްޖެ އިން ބޭރުގައި ހުރި ކިޔަވާ ކުއްޖަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ފޮނުއްވި ބޭފުޅަކު މިއަދު ވިދާޅުވީ އޭނާ ފޮނުއްވި ފައިސާ އޭނާގެ ދަރިފުޅަށް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.