30 May 2013, 15:39
ރޮބާޓޯ މަންޗިނީއަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގެ ކޯޗުކަމަށް އަންނާނޭ ކަމަށް އަޑު ފެތުރިފައިވާ ސްޕެއިންގެ މަލާގާގެ ކޯޗު މެނުއެލް ޕެލެގްރިނީ، ސިޓީއާއެކު އަނގަބަހުން އެސްބަސްވުމަކަށް އާދެވިފައިވާ ކަމަށް އޭނާ ބުނެފިއެވެ.
އިއްތިހާދު ސްޓޭޑިއަމްއިން މަންޗިނީ ބޭރުކޮށްލުމާއެކު އޭނާގެ ބަދަލުގައި ސިޓީގެ ކޯޗު ކަމަށް ގެންނާނޭ ކަމަށް މީޑިޔާގައި އެންމެ ބޮޑަށް އަޑު ފެތުރިގެން ދިޔައީވެސް، މި ސީޒަން ނިމުމުން މަލާގާގެ ކޯޗުކަމުން ވަކިވާނޭ ކަމަށް މީގެ ކުރިން އިއުލާނު ކޮށަފައިވާ އުމުރުން 58 އަހަރުގެ ޗިލީ ކޯޗު، ޕެލެގްރިނީ އެވެ.
"އެމީހުންނާއެކު [ސިޓީ] އަނގަބަހުން އަހަރެން މިހާރުވާނީ އެއްބަސް ވުމަކަށް އައިސްފައި. އުންމީދު ކުރަން އެއްބަސް ވެވުނުގޮތަށް އެކަންތައް ކުރިއަށް ގެންދާނޭ ކަމަށް،" ސްޕެއިންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ޕެލެގްރިނީ ބުންޏެވެ.
މިފަހަރުގެ ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލާހަމައަށް މަލާގާ ގެންގޮސްދިން ކޯޗު ޕެލްގްރިނީ ބުނީ އެގްރީމެންޓްގައި ސޮއިކުރުމުގެ ކުރިން އޭނާ ސިޓީއަށް ދާނޭ ކަމުގެ ޔަގީންކަން ދެވެން ނޯންނާނޭ ކަމަށެވެ.
"އަދި މިހާތަނަށް ސޮއިކުރުމުގެ އެއްވެސް އިޝާރާތެއް ލިބިފައެއް ނެތް. އެއީ ތެދެއް، ސިޓީއިން ވަނީ އަހަރެން ގެންދަން ޝައުގުވެރިކަން ފާޅު ކޮށްފައި، އަދި އަހަރެމެން މިވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާވެސް ކޮށްފައި،" ޕެލެގްރިނީ ބުންޏެވެ. "ކޮންޓްރެކްޓް ގައި ސޮއި ކުރުމުގެ ކުރިން ނުބުނެވޭނެ ހުރިހާ ކަމެއް ނިމިއްޖެއެކޭ،"
ކުރިން ވިއަރެއަލް އާއި ރެއާލް މެޑްރިޑަށްވެސް ކޯޗުކަން ކޮށްދިން ޕެލެގްރިނީ މަލާގާއިން ވަކިވާން ނިންމި ސަބަބު ތަކުގެ ތެރޭގައި އެ ކުލަބަށް ދިމާވެފައިވާ މާލީ ދަތިތައް ހިމެނެއެވެ. ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދެވިފައި ނުވާތީ އަންނަ ސީޒަންގައި މަލާގާއަށް ޔޫރަޕްގެ މުބާރާތް ތަކުގައި ވާދައެއް ނުކުރެވޭނެ އެވެ.