30 May 2013, 14:39
މާލޭގައި ފުލުހުން މިހާރު ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން، 926 އުޅަނދެއް ބަލައި ފާސްކޮށްފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރެއިން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމަޔަށް ކުރިއަށް ގެންދާ މި އޮަޕަރޭޝަނުގައި ރާވައިގެން ހިންގާ ކުށްތަކާއި ގޭންގު މާރާމާރީތައް ހުއްޓުވުމުގެ ގޮތުން ގޭންގު ގްރޫޕުތައް ހިމެނޭ ސަރައްދުތަކުން ދަތުރުކުރާ އުޅަނދުތައް ބަލައި ފާސްކުރަމުންދާ ކަމަށެވެ. އަދި އެ ސަރަޙައްދުތަކުގައި ގްރޫޕު ހަދައިގެން ތިބޭ ފަރާތްތަކާ ސުވާލުކޮށް އެފަރާތްތަކުގެ ހަށިގަނޑު ބަލައި ފާސްކުރުމަށްފަހު ގްރޫޕް ހަދައިގެން ނުތިބުމަށް ނަސޭހަތްތެރިވުމަށްފަހު އެ ފަރާތްތައް ފޮނުވާލައި، ގްރޫޕް މާރާމާރީ ހިންގިޔަ ނުދިނުމަށް ޚާއްސަ ސަމާލުކަމެއްދީގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެ ނޫސްބަޔާނުގައި މިހާތަނަށް 103 ސީނަކަށް ގޮސް ހުށަހެޅުނު މައްސަލަތަކުގެ މައުލޫމާތު ކަމާ ބެހޭ ޑިޕާޓްމަންތުތަކާ ހިއްސާކޮށް، އެކި އެކި މައްސަލާތަކާ ގުޅިގެން 31 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި 813 ފަރާތެއް ހުއްޓުވައި އެ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ނޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ނޫސްބަޔާނުގައި ވަނީ މަގުމަތީގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ވީސީޕީ އަދި އެހެނިހެން ވަގުތުތަކުގައި 926 އުޅަނދެއް ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު ގާނޫނާ ހިލާފަށް ދުއްވަމުންދިޔަ 66 ފަރާތެއްގެ ލައިސަންސް ހިފެހެއްޓުމަށްފަހު ޓްރެފިކް ޕޮލިހާ ހަވާލުކޮށްފައިވާ ކަމަށެވެ.