30 May 2013, 14:30
އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު ބާއްވާ އޮލިމްޕިކް ކޮމެޓީގެ އިންތިޚާބުގައި އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ދެ ވަނަ ދައުރަކަށް ވެސް ކުރިމަތިލާން ނިންމީ ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެދުމުގެ މަތިން ކަމަށް އަހުމަދު މަރުޒޫގް (މަރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ހަތަރު އަހަރު ކުރިން އޮތް އޮލިމްޕިކް ކޮމެޓީގެ ފުރަތަމަ އިންތިޚާބުގައި ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އިންތިޚާބުވި މަރޭ މިއަދު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލާން ނިންމީ ކުޅިވަރުގެ ގިނަ އެސޯސިއޭޝަންތަކަކުން އެކަމަށް އެދުމުން ކަމަށާއި އެހެން ކަމުން މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބޮތް ކަމަށެވެ.
"އިންތިހާބުގައި ކުރިމަތިލާން ނިންމީ ގިނަ އެސޯސިއޭޝަން ތަކެއްގެ އެދުމުގެ މަތިން. މިފަހަރުގެ އިންތިހާބުވެސް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން ކަން އެބޮތް. އަޅުގަނޑު މިފަހަރު ކުރިމަތިލާން ނިންމީ މިހާރުވެސް ހުރި މަގާމަށް. އެމަގާ މަކީ އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް" ސަންއާ ވާހަކަ ދައްކަމުން މިއަދުމަރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފާއިތުވި ހަތަރު އަހަރު ދުވަހުގެތެރޭގައި އޮލިމްޕިކް ކޮމެޓީއަށް ގިނަ ގުނަ ކާމިޔާބީތަކެއް ހޯދާދެވުނު ކަމަށް ގަބޫލް ކުރައްވާ ކަމަށާއި އަދި ކުރިއަށް އޮތް އިންތިހާބުވެސް ކާމިޔާބު ކުރެވިއްޖެ ނަމަ ކުރިއަށްވުރެ ރަނގަޅު ތަފާތު އެކިއެކި ކާމިޔާބުތައް ހޯދާ ދޭނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށެވެ.
"އިތުރު ދައުރަކަށް އަޅުގަނޑު ހޮވިއްޖެ ނަމަ ކުރިއަށް އޮތް ސާފް ގޭމްސްގައި ރާއްޖެ އަށް ރަން ވަނަ ހޯދާދިނުމަށް މަސައްކަތް ކުރާނަން. އަދި މިހާރުވެސް އޮލިމްޕިކް ކޮމެޓީގައި ފަށާފައި ހުރި އެކިއެކި މަޝްރޫއުތައް ފުޅާކޮށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާނަން" މަރޭ ވިދާޅުވި އެވެ.
މަރޭ ވިދާޅުވީ ދެ ވަނަ ދައުރަކަށް އިންތިހާބު ނުވި ނަމަވެސް ކުޅިވަރުގެ ދާއިރާއާ ދުރަށް ނުދާނޭ ކަމަށާއި އަދި ކުޅިވަރަށް ހިދުމަތް ކޮށްދިނުމުގައި ހުންނާނޭ ކަމަށެވެ.
"އޮލިމްޕިކް ކޮމެޓީ ތެރެއިން ނުފެނުނު ނަމަވެސް ކުޅިވަރަކާ ދުރަކަށް ނުދާނަން. ކުޅިވަރުގެ ކޮންމެވެސް ދާއިރާއެއްގައި ހިދުމަތް ކުރުމުގައި ދެމިހުންނާނަން،" މަރޭ ވިދާޅުވިއެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ އެ އިދާރާގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ މާހިދު ޝަރީފެވެ. އަދި ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް މީޑިއާގައި އަޑުފެތުރިފައި ވަނީ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒެވެ.