އިނގިރޭސިސިވިލާތުގެ އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެގައުމުގެ 63 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 32 މިލިޔަން މީހުންނަކީ ކްރިސްޓިއަނުންނެވެ.
\
އެއޭގެ އިތުރުން އެގައުމުގެ ރާނީ އަކީ ކްރިސްޓިއަން ދީނުގެ އަގީދާ ދިފާއުކުރުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނަވާ ބޭފުޅެކެވެ. އަދި އެގައުމުގެ ޕާލަމެންޓްގެ މަތިގެ، "ހައުސް އޮފް ލޯޑްސް"ގައި އެ ގައުމުގެ 26 ޗާޗް ތަމްސީލުކުރާނެ ފަރާތްތައް ތިބެ އެވެ.

މިކަންތައްތައް މިހެން ހުރި ނަމަވެސް އެ ގައުމުގައި މިހާރު ކްރިސްޓިއަން ދީނުގެ ހާލަތު މިހާރު އޮތީ ވަރަށް ދެރަކޮށް، ކަމަށް ޚުދު ކްރިސްޓިއަނުން ހިންގާ ނޫހެއް ކަމަށްވާ ޑެއިލީ މެއިލް" ނޫހުން ވަނީ ސިފަކޮށްފަ އެވެ.
އާދީއްތަ ދުވަހެއްގެ ހެނދުނުގެ އަޅުކަމުގެ ވަގުތު ލަންޑަންގެ ދެ ޗާޗެއްގައި ނަގާފައިވާ ދެފޮޓޯއާއި ހުކުރުދުވަހެއްގެ ހުކުރުވަގުތު މިސްކިތެއްގެ ކައިރީގައި ނަގާފައިވާ ފޮޓޯއެއް ލުމަށް ފަހު ޑެއިލީ މެއިލް އިން ބުނެފައި ވަނީ އިނގިރޭސިވިލާތުގައި ދީންތައް އޮތް ގޮތް އެފޮޓޯތަކުން މާ ސާފުކޮށް ފެންނަ ކަމަށެވެ.

ފޮޓޯ ތަކުގައިވާ ދެ ޗާޗްގެ ތެރެއިން ސޭންޓް ޖޯޖް ޗާޗްގައި ފޮޓޯ ނެގި ވަގުތު އަޅުކަން ކުރަން ތިބީ އެންމެ 12 މީހުންނެވެ. އެހެން ނަމަވެސް އެޗާޗަކީ 1200 މީހުންނަށް އަޅުކަން ކުރެވޭނެ ޖާގަ އޮތް ޗާޗެކެޗެ. އަދި ސޭންޓް މޭރީ ޗާޗްގައި 1000 މީހުންނަށް އަޅުކަން ކުރެވޭނެ ޖާގަ އޮންނަ އިރު އެތާ ތިބީ 20 މީހުންނެވެ.

ނަމަވެސް ފޮޓޯތަކުގައިވާ މިސްކިތުގެ ހާލަތު މުޅިން ތަފާތެވެ. ބްރޫން ސްޓްރީޓް އެސްޓޭޓް މިސްކިތަކީ 100 މީހުންގެ ޖާގައިގެ މިސްކިތަކަށްވާ އިރު މިސްކިތް ފުރިގެން މަގުމަތީގައި ވެސް އެތައް ސަތޭކަ ބަޔަކު ހުކުރު ނަމާދު ކުރެ އެވެ.

މިފޮޓޯތަކާ އެކު ޑެއިލީ މެއިލް އިން ލިޔެފައި ވަނީ "ކްރިސްޓިއަން ދީނަކީ އިނގިރޭސިވިލާތުގެ ކުރީގެ ދީނަކަށް ވެ، އެގައުމުގެ މުސްތަގުބަލަކީ އިސްލާމްދީން ކަމަށް ވާނެކަމަށް ފޮޓޯތަކުން ދޭހަވާ" ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންގްލެންޑާއި ވޭލްސްގެ އާބާދީގެ 71.7 ޕަސެންޓަކީ ކްރިސްޓިއަނުން ކަމަށް ވިޔަސް ފާއިތުވި 10 އަހަރުގެ ތެރޭގައި އެ ނިސްބަތް 59.3 އަށް ވަނީ ވެއްޓިފަ އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެގައުމުގެ ކްރިސްޓިއަން އާބާދީ މުސްކުޅިވެފައިވާ އިރު މުސްލިމް އާބާދީ ޒުވާން ކަމެވެ. އެގޮތުން ކްރިސްޓިއަން އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުންނަކީ މިހާރު އުމުރުން 80 އަހަރުވާން ކައިރިވެފައިވާ މީހުންނެވެ. ނަމަވެސް މުސްލިމުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އުމުން 25 އަހަރުން ދަށުގެ މީހުންނެވެ.
ޑެއިލީ މެއިލް އިން ދެކޭ ގޮތުގައި ދުވަސްކޮޅަކުން ކްރިސްޓިއަން ދީނުގެ އަޅުކަން އަދާކުރުމަށް ޗާޗްތަކަށް ވަންނާނެ މީހުން ނެތި އެތަންތަން ފަޅުވާނެ އެވެ.

"އެއް ދުވަހަކުން ސެއިންޓް ޖޯޖްސް (ޗާޗް) އަނެއްކާ ވެސް މީހުންނައިގެން ފުރިދާނެ އެވެ. ނަމަވެސް އެމީހުން ވާނީ ކްރިސްޓިއަނުންނަކަށް ނޫނެވެ،" ޑެއިލީ މެއިލްގެ އާޓިކަލް ނިންމާލަމުން ބުނެފައިވެ އެވެ.