ދިވެހިރާއްޖޭގެ ހައިކޯޓުގެ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްއާ ކޮމިޝަނުން ޙަވާލުކުރައްވައިފި އެވެ.

ހައިކޯޓު ވަގުތީ ގޮތުން ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތައް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމްއާ ހަވާލުކުރެއްވީ އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފު މުއްދަތެއް ނެތް ގޮތަށް އިއްޔެ ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.

އޭނާއާ މެދު ފިޔަވަޅު އަޅާފައި ވަނީ ހައިކޯޓުގެ ހަތް ފަނޑިޔާރަކު ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން، ޖޭއެސްސީން ހިންގި ތަހުގީގަށް ފަހު ކޮމިޝަންގެ ތިން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާއާ މެދު ފިޔަވަޅު އަޅާފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީން ހަމައެކަނި ބުނެފައި ވަނީ ފަނޑިޔާރު ޝަރީފާ މެދު ފިޔަވަޅު އަޅާފައި ވަނީ ހައިކޯޓު ހިންގުމުގައި އަމަލުކުރާގޮތާ ގުޅޭ ގޮތުން ކަމަށެވެ. އެ މައްސަލާގައި ޝަރީފާއި އެ ކޯޓުގެ އެހެން ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުން ވެސް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ.