30 May 2013, 13:50
އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަޅަން ފިނޭންސް މިނިސްޓްރީން އަލުން ހުޅުވާލައިފި އެވެ.
އިންޝުއަރެންސް ހިދުމަތްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ދެވަނަ ފަހަރަށް އިއުލާންކުރިއިރު، ކުރިން ކުރިމަތިލާފައި ވަނީ ހަމައެކަނި އާސަންދަ ޕްރައިވެޓް ލިމިޓެޑުން ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުންޏެވެ.
އިޖްތިމާޢީ ސިއްހީ އިންޝުއަރަންސް ސްކީމް ހިންގުމަށް ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާންކުރީ ކީއްވެގެން ކަމެއް ފިނޭންސް މިނިސްޓްރީން ނުބުނެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ރާއްޖޭގައި ހެލްތް އިންޝުއަރަންސްގެ ހިިދުމަތް ދެމުންދާ ފަރާތަކަށް ހުޅުވާލެވިފައިވާ އެ ފުރުސަތަކީ ގައުމީ ސިއްހީ އިންޝުއަރަންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެވޭ ދައުވަތެއް ކަމަށެވެ.
އެ އިއުލާނުގައި ވަނީ އެ ހިދުމަތްދޭން ޝައުގުވެރިވާ ރާއްޖޭގައި އިންސުއަރެންސްގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން 6 ޖޫން 2013 ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރިން އެ މިނިސްޓްރީއަށް ޝައުގުވެރިކަން ހުށަހަޅަން ޖެހޭ ކަމަށެވެ.
"އާސަންދަ" އިންޝުއަރެންސް ސްކީމް މިހާތަނަށް ހިންގާފައި ވަނީ އެންސްޕާ އާއި އާސަންދަ ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ. ނަމަވެސް އެ ކުންފުންޏާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވި ނަމަވެސް އިންޝުއަރެންސްގެ ހިދުމަތް މެދުނުކެނޑި ކުރިޔަށްދާނެ ކަމަށް އެންސްޕާ އިން ބުންޏެވެ.