މި މަހުގެ ކުރީކޮޅު ރާއްޖެ އަށް ކުރި ގަދަ ވިއްސާރައިގެ ހަނދާން އެންމެ ބޮޑަށް ކުރާނެ ބަޔަކީ އދ. މާމިނގިލީ ހަނދުވަރުދޭގޭ ޙަސަން ރަޝީދު،39، އާއި ލ. މާވަށު ހިޔަލީގޭ ޢަބުދުﷲ ވަހީދު،32، އެވެ.

ޢަޒުމް ދޯނީގައި ހަސަން ރަޝީދު އާއި އަބުދުﷲ ވަހީދު ލ. މާވަށަށް ދިއުމަށް ކުރި ދަތުރުގައި ދެވުނީ މުޅިން އެހެން ތަނަކަށެވެ. ގަދަ ވިއްސާރައިގައި އެމީހުން ދަތުކުރި ދޯނި ބެހުނީ އެވެ. ވަރަށް ދަތި ހާލުގައި ކަނޑުމަތީގައި ތިން ހަފުތާ ހޭދަކުރުމަށް ފަހު އެމީހުންނަށް ދެވުނީ ސިންގަޕޫރަށެވެ.

ސިންގަޕޫރަށް ދަތުރުކުރަމުން ދިޔަ އާގު ބޯޓެއްގެ މީހުންގެ އެހީތެރިކަމާ އެކު ފުރާނަ ސަލާމަތްވެ، އެގައުމަށް ކުރި ދަތުރަށް ފަހު ހަސަންއާއި އަބުދުﷲ ވެސް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.

"ކާއެއްޗަކަށް އަޅުގަނޑުމެން އަތުގައި ހުރީ އެންމެ ޕާނަކާއި ގެރިކިރު ދަޅަކާއި ދެފުޅި(ސޮފްޓް ޑްރިންކްސް)،"
ހާލުގައި ޖެހުނު އިރު ދޯނީގައި ކަންތައްތައް ހުރި ގޮތް ސަން އަށް ކިޔައިދެމުން ހަސަން މިއަދު ބުންޏެވެ. އޭނާ ބުނީ ގޭސްއުނދުނަކާއި ގޭސްފުޅިއެއް އަދި އިންޖީނަށް އަޅާނެ ތެޔޮ އޭރު ދޯނީގައި ހުރި ކަމަށެވެ.

ކުރު ދަތުރަކަށް ފުދޭ އެތަކެއްޗާ އެކު ކުރި އެ ދަތުރުގައި ދޯންޏާ އެކު ދެ މީހުން ބެހި، ކަނޑުމަތީގައި ތިން ހަފުތާ ހޭދަކުރަން ޖެހުނެވެ. އެކަން މެދުވެރިވި ސަބަބެއް ކަމަށް އޭނާ ބުނީ ކަނޑު ގަދަވެ، ކުރިއަށް ނުދުއްވިގެން ދޯނި މަޑުކޮށް އިންޖީނު ނިވާލަން ޖެހުން ކަމަށެވެ.

"ދަތުރުކުރަމުން ގޮސް ވިލާގަނޑެއްގައި ޖެހި ގަދަވުމުން، ދެން ބެލީ އައިކޮޅަށް ދަތުރުކޮށްގެން، އެކޮޅު އަތުވޭތޯ، މަސައްކަތްކޮށްގެން އެކޮޅު ވެސް އަތުވާގޮތެއް ނުވި، ގަދަ ފަދަ ކަމުން ތަނެއް ދޮރެއް ނޭނގޭ،" މި މަހު 4 ވަނަ ދުވަހު މ. އަތޮޅުން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރަނިކޮށް ގެއްލެން ދިމާވި ގޮތް ހަސަން ކިޔައިދިނެވެ.

އޭނާ ބުނީ ދޯނި އޮޔާދާ ސްޕީޑް ދަށް ކުރެވޭތޯ ދޯނީގައި ހުރި ބަރު ބެޓްރީތަކެއްގައި ވާޖަހައި މޫދަށް ބޭލި ކަމަށެވެ.

އޭނާ ބުނީ ހާލުގައި ޖެހުނުރޭ ވެސް ބޯޓްފަހަރު ފެނުނު ކަމަށެވެ. ނަމަވެސް އެއިން ބޯޓެއްގެ އެހީތެރިކަމެއް ނުލިބުނު ނަމަވެސް ފުރަތަމަ ހަފުތާގައި ކޮންމެ ރެއަކު ވެސް ބޯޓްފަހަރު ފެންނަ ކަމަށެވެ.

"ކޮންމެ ރެއަކުވެސް އެއްޗެއް (ބޯޓެއް) ފެނޭ، ދެން ފަހުން ހަފުތާގައި ހަމަ ގައިކައިރިން ލާފައި ބޯޓެއް ދިޔައީ، އެއީ ރާއްޖެއަށްދާ ބޯޓެއްކަން އިނގޭ. ހުރި މިސްރާބުން، އެހީއަށް އެދެން ވެގެން، ބޯޓް ކައިރިއަށް ވެސް ދިޔައިން. ދޯނީގައި ތެޔޮ ހުރީމާ ދަތުރުކޮށްފައި ދިޔައިން ގާތްގަނޑަކަށް ބޯޓާ 100 ފޫޓް ކައިރިއަށް ދިޔައިން،" ހަސަން ބުންޏެވެ.

އޭނާ ބުނީ ޓީޝާޓްތަކުގައި ރޯކޮށްގެން، ބޯޓްގައި ތިބި މީހުންނަށް ފެންނަ ވަރު ކުރި ކަމަށާއި އެހެން ނަމަވެސް އެބޯޓުން އެހީތެރިކަމެއް ނުލިބުނު ކަމަށެވެ. އޭނާ ބުނީ އެއީ އެންމެ ހިތްދަތިވި ދުވަސް ކަމަށެވެ.

"އެއީ އަޅުގަނޑުމެން އެންމެ ހިތާމަކުރި ދުވަސް، އެއީ އެހާ ކައިރިން ފެނިފައި އެހީތެރިކަމެއް ނުދީ ދިޔައިމާ،" ހަސަން ބުންޏެވެ.

އޭނާ ބުނީ އެ ހިސާބުން އެނބުރި އައުމާ މެދު އުއްމީދު ކެނޑުނު ކަމަށެވެ.

ދޯނީގައި ހޭދަކުރި ދުވަސްތަކުގައި ކައިބޮއި އުޅުނު ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ކާތަކެތި ހުސްވެގެން ދޯނީގައި ޖަހާފައި ހުރި ރިނދައްޔާއި ކަކުނި ވެސް ކޭ ކަމަށެވެ. އަދި ބޯފެން ހުސްވެ، ލޮނުފެން ވެސް ބުއި ކަމަށް އޭނާ ބުންޏެވެ.

"ކާން އެއްވެސް އެއްޗެއް ނެތީމާ ދޯނީގައި ޖަހާފައި ހުރި ރިނދަލި ވެސް ކެއިން، ދޯނީގައި ހުރި ކުދިކުދި ކަކުނި ވެސް ބޭނުންކުރިން ކާން. ދެން އެހެން އުޅެލާފައި ހަފުތާއެއް ވަރު ފަހުން ނަނުގަނޑު އެއްލައިގެން އުޅެނިކޮށް ބޭނުނު ފިޔަލައެއް ވެސް ކައްކައިގެން ކެއިން،" ހަސަން ބުންޏެވެ.

ހަސަންއާއި އަބުދުﷲ ސަލާމަތްކުރި ބޯޓް ފެނުނު އިރު ދެ މީހުން ވެސް ތިބީ ވަރަށް ހާލު ދެރަވެފައި ކަމަށް ހަސަން ބުންޏެވެ.

"ބޯޓް ފެނުނީ ވަރަށް ކައިރިވެފައި ހުއްޓައި، ދޯނިތެރޭގައި އޮތް ދަގަނޑެއްގައި ޓީޝާޓެއް ޖަހައިގެން އަނބުރަނިކޮށް އެމީހުންނަށް ފެނުނީ. ދެން އަނބުރާލާފައި އަޅުގަނޑުމެންނާ ދިމާއަށް އައީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ބޯޓްގެ މީހުން ދޯނި ކައިރީ މަޑުކޮށްތިބީ ކަމަށާއި ވާހަކަ ދެއްކީ ދުވާލުވުމުން ކަމަށެވެ.

"ދެން މިމީހުން އޮތީ އިރު އަރަންދެން އަޅުގަނޑުމެން ކައިރީގައި، ލައިޓް އަޅުވައިގެން، ދެން އަޅުގަނޑުމެންނަށް އުއްމީދު ލިބިއްޖެ،" ހަސަން ބުންޏެވެ.

އޭނާ ބުނީ ބޯޓުން ވާހަކަ ދެއްކީ އެމެރިކާ މީހަކު ކަމަށާއި އިނގިރޭސިބަސް އިނގޭތީ އޭނާއާ ވާހަކަ ދެއްކުނު ކަމަށެވެ. ފޭރޭ މީހުންނަށް ވެދާނެތީ ފަރުވާތެރިވި ކަމަށާއި ފުރަތަމަ ހީކުރީ ސްރީލަންކާގެ މަސްބޯޓެއް ކަމަށް ވެސް ހީކުރި ކަމަށް ބޯޓުން ފުރަތަމަ ވާހަކަ ދެއްކި މީހާ ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

"ބޯޓަށް ނެގުމަށް ފަހުގައި އަޅުގަނޑުމެންނަށް ކާންދީ، ބޭސްދީ ކަންތައްތައް ކޮށްދިނީ ވަރަށް ރަނގަޅަށް، ހަމަ އެއްބަނޑު އެއްބަފާ މީހުން ވެސް ކަންތައް ކޮށްދޭހާ ރަނގަޅަށް،" އޭނާ ބުންޏެވެ.

ދޯންޏަށް ހެދީ ކިހިނެތްތޯ އެހުމުން ހަސަން ބުނީ ދޯނި އޮޔާދާން ދޫކޮށްލީ ކަމަށާއި އެެއީ ދޯނި ގެނައުމަކީ ބޯޓްގެ މީހުންނަށް ކުރެވޭނެ ކަމަކަށް ނުވާތީ އެވެ.

ސިންގަޕޫރަށް ދެވުމުން ދެ މީހުންނާ ހަވާލުވީ ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ބޭފުޅުން ވެސް ކަންތައްތައް ހަމަޖައްސަވައި ދެއްވީ ވަރަށް ރަނގަޅަށް ކަމަށާއި ހޮޓަލެއްގައި ތިބުމުގެ ކަންތައް ހަމަޖައްސަވައި ދެއްވި ކަމަށް ހަސަން ބުންޏެވެ.

ހަސަން އާއި އަބުﷲ ކަނޑުމަތީގައި ހޭދަކުރި ފަދަ ހިތްދަތި ދުވަސްތަކެއް އެހެން ބަޔަކަށް މެދުވެރި ނުކުރެއްވުން އެދި ޙަސަން ދުއާކުރެ އެވެ.

"އެފަދަ ގޮތެއް އެހެން ބަޔަކަށް މެދުވެރި ނުކުރެއްވުން އެދި ﷲ އަށް ދުއާ ދެންނެވިން،" އޭނާ ބުންޏެވެ.