30 May 2013, 12:12
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ މިއަދު ގެޒެޓްކޮށްފައިވާ އިރު މަރުވެފައި ތިބި މީހުންގެ މައުލޫމާތްތައް ރަނގަޅަށް ލިބިފައި ނުވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ބުނެފައިވާ އިރު އަންނަ ރިޔާސީ އިންތިހާބަށް ވޯޓު ލުމުގެ ހައްލު ލިބިފައިވާ 240،302 މީހުންގެ ނަމާ އެކު މިއަދު ގެޒެޓް ކުރި ވޯޓާސް ލިސްޓުގައި މަރުވެފައިވާ ބެއެއް މީހުންގެ ނަންތައް ހިމަނާފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "ސަން"އަށް ވިދާޅުވީ އެ ލިސްޓް މިއަދު ގެޖެޓްކުރި އިރު، މަރުވެފައިވާ މީހުންގެ މައުލޫމާތް ރަނގަޅަށް ލިބިފައި ނުވާތީ އެފަރާތްތަކުގެ ނަންތައް ހުރުން އެކަށީގެންވާ ކަމަށާއި އަދި އެފަދަ ނަމެއް އޮތް ނަމަ އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓޭޝަން ސެކުޝަނަށް ހުށަހަޅައިގެން އިސްލާހުކުރުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލް ކުރަން މަރުވެފައިތިބި މީހުންގެ މައުލޫމާތު އަޅުގަނޑުމެނަށް ފުރިހަމައަށް ލިބިފައިނުވާކަން، ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން އެއިރެއްގައި އެކަމާގުޅުން ހުރި މުއައްސަސާއަކުން އެ މައުލޫމާތު ހޯދަނީ، އަޅުގަނޑުމެންނާއި ހަމައަށް އެ މައުލޫމާތް ފުރިހަމައަށް ލިބިފައިނުވާކަން އަޅުގަނޑުމެނަށް ވެސް ފާހަގަކުރެވިފައި ވަނީ،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓާސް ލިސްޓް ގެޒެޓް ކުރުމަށް ފޮނުއްވި އިރު ސަހަރާ އިންނާއި އަދި އެ ނޫން ވެސް ދިމަދިމާލުން ލިސްޓް އެންމެ ފުރިހަމަ ލިސްޓަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ ވޯޓާސް ލިސްޓުގައި ހިމެނޭ ނަންތަކުގައި މަރުވެފައިވާ މީހުންގެ ނަމެއް އޮތް ނަމަ ނުވަތަ ވޯޓްލުމުގެ ހައްގު ލިބޭ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ނަން ނެތް ނަމަ ނުވަތަ ލިސްޓުގެ ނަމާއި އައިޑީ ކާޑުގައި އޮތް ނަމާ ދިމާނުވާ ނަމަ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓޭޝަން ސެކްޝަނަށް ހުށައަލައިގެން އިސްލާހުކުރުމަށް އެދޭ ކަމަށޭވެ. އަދި އެމުއްދަތުގެ ތެރޭގައި އިސްލާހު ނުކުރެވިއްޖެ ނަމަ އެ ފަރާތަކަށް ވޯޓް ލުމުގެ ފުރުސަތު ލިބިގެން ނުދާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
"މަރުވެފައިވާ މީހެއްވެއްޖެއްޔާ އެ މީހެއްގެ ގާތްތިމާގެ ދެ މީހެއްގެ ހެކި ބަހުން މައުލޫމާތް ދޭ ގޮތަށް މިއޮންނަނީ، އަދި ލިސްޓުގައި ނުލިމެނޭ ފަރާތްތަކަށް ވޯޓެއް ނުލެވޭނެ، އަދި ނަން ނުބައިކޮށް އޮތަސް ނޫނީ އެޑުރެސް ނުބައިކޮށް އޮތަސް ނުވަތަ އައިޑީކާޑުގައި ނަން އޮތްގޮތާއި ލިސްޓުގައި އޮތްގޮތް ތަފާތުވެއްޖެ ނަމަ އެ މީހަކަށް ވޯޓް ނުލެވޭނެ،" ފުއާދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓްލެވޭނެ ފަރާތްތަކުގެ ނަންތަކާއެކު މިއަދު އާންމުކޮށްފައިވާ އެ ލިސްޓް ގެޒެޓް ކޮށްފައިވާއިރު އެ ލިސްޓް ގެޒެޓް ކުރުން ވަނީ ތަފާތް އެތައް ފަހަރަކު މަތިން ފަސްކޮށްފަ އެވެ. އެގޮތުން ގެޒެޓް ކުރުން ލަސްވެފައި ވަނީ މީގެ ދެ މަސް ކުރިން ފެށިގެން ހދ. ހިރިމަރަދޫ ރައްޔިތުން އެ ރަށުގެ ކައުންސިލް ހިސޯރު ކޮށްފައިވާތީ އެވެ.
އެންމެ ފަހުން ބޭއްވި 2008 ވަނަ އަހަރުގައި ބޭއްވި އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައި ވަނީ 209294 މީހުނަށެވެ.