ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާގެ ދިފާއުގައި އެސްޓީއޯގެ ކުރީގެ ޗެއާމަން ފާރޫގު އުމަރު ހެއްކަކު ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދިފާއުގައި ހެއްކަކު ހުށަހެޅުމަށް ފަހު ފާރޫގުގެ ދިފާއީ ވަކީލު ވިދާޅުވީ އެ ހެކިމީހާ ހުށަހަޅާފައި ވަނީ ފައިސާ ދިން ފަރާތާއި ފާރޫގުއާ މުއާމަލާތް ކުރެވުނުކަން ސާބިތުކޮށްދިނުމަށް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ހެކިވެރިޔާ ހާޒިރުކުރެވޭތޯ ބަލާނެ ކަމަށެވެ.

ފާރޫގު އެ ދައުވާ އަށް އިންކާރުކުރުމުން ދައުވާ ސަބިތުކުރުމަށް ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ހެކިބަސް މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ނަގައިފަ އެވެ.

ފާރޫގުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ 2010 ވަނަ އަހަރުގެ ތެރޭގައި އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި އޭނާ ހުރި އިރު އެކުންފުންޏަށް ހަނޑޫ ސަޕްލައިކޮށްދިނުމަށް ހަވާލުކޮށްފައިވާ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ ރޯޔަލް އެޖެންސީގެ ވެރިފަރާތްކަމަށްވާ މަރިމުތު އުދަޔަސުންދަރުގެ ކިބައިން 100,000.00 ޑޮލަރު ދިނުމަށް އޭނާ ޑިމާންޑްކުރި ކަމަށެވެ.

ފާރޫގު އެގޮތަށް ޑިމާންޑުކުރުމުން އޭނާގެ ނަމުގައި ހޮންކޮން އެންޑް ޝަންގްހާއި ބޭންކިން ކޯޕަރޭޝަން މާލެ ބްރާންޗްގައި ހުޅުވާފައިވާ އެކައުންޓަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ ހަތް ވަނަ ދުވަހު ހެޓަން ނެޝަނަލް ބޭންކް ޕަބްލިކް ލިމިޓެޑްގައި ރޯޔަލް އެޖެންސީގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން، ޓެލެގްރާފް ޓްރާންސްފާ އެއް މެދުވެރިކޮށް 19,000.00 ޑޮލަރު ފޮނުވާފައި އޮތްކަން އެނގޭ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވެއެވެ.

ރިޝްވަތުގެ ގޮތުގައި ފާރޫގު ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެ ފައިސާ އޭނާގެ އަތުން ހޯދުމަށް ވެސް ދައުލަތުން ވަނީ އެދިފަ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.

ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ރިޝްވަތު ހިފުމުގެ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ހަތް އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭބަންދު ކުރުން ކަމަށެވެ.

ފާރޫގުގެ މައްޗަށް ރިޝްވަތު ހިމުގެ ދައުވާ ކޮށްފައިވާއިރު، އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކުންފުނީގެ ކްރެޑިޓް ކާޑެއް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.