މާލެ އަތޮޅު ގުޅީ އޮފީހުގެ ބައެއް ކަންކަން ކޮށްފައި ވަނީ ހިޔާނާތަށް މަގުފަހިވާ ގޮތަށް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.


އޭސީސީން ނެރުނު ރިޕޯޓެއްގައި ބުނަނީ ގުޅީ ކަތީބު އަހުމަދު އިބްރާހީމާއި ކުޑަކަތީބު ހުސައިން ޝުޖާ އާއި އެ ރަށުގެ މުދިމު އަލީ ރަޝީދު ބައިވެރިވެގެން ހިޔާނާތުގެ އަމަލުތަކެއް ހިންގާ ކަމަށް ބެނެ އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމު މައްސަލަ ބަލާފައިވާ ކަމަށެވެ. މައްސަލަ ބެލި އިރު ހިޔާނާތަނަށް މަގު ފަހިވާ ގޮތަށް ބައެއް ކަންކަން ކޮށްފައި ހުރުމުން އޮފީހަށް ތަކެތި ހޯދުމުގަ އާއި ދައުލަތުގެ މާލިއްޔަތާބެހޭ ގަވައިދުގެ ދަށުން އަމަލު ކުރުމަށް އަންގާފައިވާނެ ކަމަށެވެ.


އޭސީސީއަށް ހުށަހެޅުނު މައްސަލައާ ގުޅިހެން  މައްސަލަ ބެލުމަށް ފަހު ކޮމިޝަނުން ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ގުޅީ އޮފީހުގެ ބޭރުގައި ޖަހާފައިވާ އުވާ ކޮށާއި ސިމެންތި ޖެހުމަށް ގަޑިއެއް ބަޔާން ނުކޮށް ދެ ތާރީހެއްގެ އެކި ގަޑިތަކުގައި އަންދާސީ ހިސާބު ބަލައިގެންފައިވުމާއި އަންދާސީ ހިސާބަށް ޕޮއިންޓްދޭ އުސޫލު ބަޔާންކޮށްފައި ނުވުމާއި މަސައްކަތް ހަވާލުކުރި ގުޅީ ހެޕީނައިޓް މުހައްމަދު ޝަކީބާ މަސައްކަތް ހަވާލުކޮށްފައި ވަނީ އިވެލުއޭޝަން ކޮމެޓީއަކުން ނިންމައިގެންކަން އެނގެން ނެތުމާއި  މަސައްކަތުގެ އަގަކީ 84233ރ. ކަމަށް ވިޔަސް ގަވައިދާ ހިލާފަށް އެޑްވާންސްގެ ގޮތުގައި ފައިސާގެ 15 ޕަސެންޓް މުހައްމަދު ޝަކީބާ ހަވާލުކޮށްފައިވާކަން ހިމަނާފައި ވެއެވެ.


ކޮމިޝަނުން ބުނެފައި ވަނީ 25000ރ. އަށްވުރެ މަތީ އަދަދެއްގެ މަސައްކަތެއް ނަމަ ހިމަންޖެހޭ ނުކުތާތައް ޝަކީބާއެކު ކުރި އެގްރިމެންޓްގައި ވެސް ހިމަނާފައި ނުވާ ކަމަށެވެ.


މީގެ އިތުރުން ގުޅީ ނަރުދަމާގެ އައުޓްފޯލްތައް ސާފުކުރުމާއި މަގުމަތީ ޖަންކްޝަންތަކާއި އައުޓްފޯލްތައް މަރާމަތު ކުރުމުގެ މަސައްކަތުގައި އަންދާސީ ހިސާބަށް ޕޮއިންޓް ދޭ އުސޫލު ހާމަނުކޮށް ގުޅީ ނައިޓްރޯސް އަހުމަދު ސައުދުﷲ އާ މަސައްކަތް ހަވާލު ކުރީ އިވެލުއޭޝަން ކޮމެޓީން ނިންމައިގެން ލިޔެކިޔުންތަކުން ސާފުވާން ނެތް ކަމަށެވެ.