30 May 2013, 11:34
"ދިވެހި ފަންނު"ގެ ނަމުގައި ދިވެހިންގެ އުފެއްދުންތެރި ކަމާއި ޚިދުމަތް ދައްކުވައިދޭ ޤައުމީ ފެންވަރުގެ މައުރަޒެން މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ބޭއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ވެލާނާގޭ ދެވަނަ ފަންގިފީލާގެ ޕްރެސް ރޫމްގައި ނޫސްވެރިންނާ ބައްދަލު ކުރަށްވައި އެކަން އިއުލާނު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދު އެވެ.
ވަޒީރު ވިދާޅުވީ އެފަދަ މައުރަޒެއް ބޭއްވުމުގެ ބޭނުމަކީ އެއްފުރާޅެއްގެ ދަށުން ދިވެހިން އުފައްދާ އުފެއްދުން ތަކާއި ފޯރިކޮށްދޭ ޚިދުމަތްތައް ދައްކާލުމުގެ ފުރުސަތު ފަހި ކޮށްދިނުމާއެކު އެފަދަ އުފެއްދުންތަކާއި ޚިދުމަތްތައް އިޝްތިޙާރުކޮށް މާކެޓް ކުރުމަށް މަގު ފަހު ކޮށްދިނުން ކަމަށެވެ.
"މިފަހަރު މި ބޭއްވޭ މައުރަޒަކީ، ދިވެހިންގެ ފަންނުވެރި ކަމާއި، ހުނަރުވެރި ކަމާއި، އުފެއްދުންތެރިކަން ބޭނުން ކޮށްގެން ވިޔަފާރި އުސޫލުން ކުރާ ކަންކަން ދިވެހިރާއްގެ މާކެޓަށް ތައާރަފްކޮށް ދިނުމަށްޓަކައި ފުރުސަތުތަކެއް ހޯދައި ދިނުމުގެ ގޮތުން އެކަންކަން އާލާކޮށް ދިރުވުމަށާއި، އަދި އެކަންކަމަށް ސަރުކާރުން ދެވެން އޮތް ހިތްވަރެއް ދިނުމުގެ މަގުސަދުގައި ބޭއްވޭ މައުރަޒެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ "ދިވެހި ފަންނު"ގެ ނަމުގައި ބާއްވަން ނިންމަވާފައިވާ މައުރަޒަކީ މީގެ ޒަމާންތަކެއް ކުރިން މިނިސްޓްރި އޮފް ޓްރޭޑުން އިންތިޒާމް ކުރަށްވައިގެން ކުރިއަށް ގެންދެވި "އަތްތެރި މަސައްކަތުގެ މައުރަޒު"އާއި ގުޅުން ހުރި، ނުވަތަ އެ ބައްޓަމަށް އެ ވިސްނުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައުރަޒެއް ނޫން ކަމަށެވެ.
ކުރިއަށް އޮތް ތިން އަހަރު ދުވަހަށް "ދިވެހި ފަންނު" މަޒުރަޒުގެ އިންތިޒާމުތައް ރަސްމީކޮށް ބަލަހައްޓާނޭ އިވެންޓު އޯގަނައިޒަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑެވެ. އަސަރީ ސާވިސަސްއަށް އެ އިވެންޓު ހަވާލުކޮށްފައި ވަނީ އެކަމަށް އެދި ހުށަހެޅި އަށް ފަރާތެއްގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތަކީ އަސަރީ ކަމަށް ވާތީއެވެ.
އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ޢާއިޝަތު މުއީނާ ވިދާޅުވީ، އެ މައުރަޒު ކުރިއަށް ގެންދާނީ އިކޮނޮ މިކް މިނިސްޓްރީން ހައްދަވާފައިވާ ގައިޑްލައިން ތަކަކާ އެއްގޮތަށް ކަމަށާއި، މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެންވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އެންމެ މަދުވެގެން 60 ފަރާތަކަށް ދެވޭނޭ ކަމަށްވެސް މުޢިނާ ވިދާޅުވިއެވެ.
"މި މައުރަޒުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރުވެސް މިވަނީ ހުޅުވާލެވިފައި. މިއަންނަ އާދީއްތަ ދުވަހުން ފެށިގެން އިރާދަ ކުރެއްވިއްޔާ، މައުރަޒުގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމްތައް އަޅުގަނޑުމެންގެ ވެބްސައިޓުންނާއި، އެހެނިހެން ޒަރީއާއިން ލިބިގެންދާނެ. އަދި އަޅުގަނޑުމެންގެ އިވެންޓަށް ޙާއްސަކުރެވިފައިވާ ހޮޓްލައިން [7999128]އަށް ގުޅާ ލެއްވުމުން އިތުރު މައުލޫމާތު ލިބިގެންދާނެ،" މުއީނާ ވިދާޅުވިއެވެ.
މުޢީނާ އިތުރަށް ވިދާޅުވީ އެ މައުރަޒަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ މައުރަޒަކަށް ވުމުން މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ފަހި ކޮށްދިނުމުގެ ގޮތުން އެ މަސައްކަތް މިހާރުވެސް ކުރަށްވަމުން ގެންދަވާ ކަމަށެވެ.
ދިވެހިންގެ އުފެއްދުން ތަކަށް ޚާއްޞަކޮށްގެން އިގްތިސާދީ ވުޒާރާއާއި ވިޔަފާރި ވެރިންގެ ޖަމިއްޔާ ގުޅިގެން ނޭޝަނަލް އާޓް ގެލަރީގެ އެހީތެރި ކަމާއެކު އެކު އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވާ އެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޭޝަނަލް އާޓް ގެލަރީގައި އަންނަ އޯގަސްޓު މަހުގެ ތެރޭގައެވެ.