30 May 2013, 11:30
ސްޕެއިންގެ ބާސެލޯނާގެ ހުނަރުވެރި މިޑްފީލްޑަރު ސެސް ފެބްރިގާސް ހޯދުމަށް އިނގިރޭސިވިލާތުގެ ވަރުގަދަ ދެ ކުލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީންއިން މަސައްކަތް ފަށައިފި އެވެ.
އިނގިރޭސި ދެ ކުލަބުން ފެބްރިގާސް ހޯދުމަށް މަސައްކަތް ފެށީ ބާސެލޯނާއިން އޭނާ ދޫކޮށްލުމުގެ އިޝާރާތްތަކެއް ފެންމަތިވެ މީޑިއާގައި އެވާހަކަތައް އާންމު ވުމުންނެވެ.
އިނގިރޭސި މީޑިއާތައް ބުނާގޮތުން، ފެބްރިގާސް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މިހާރުވެސް ވަނީ 25 މިލިއަން ޕައުންޑް އޭނާއަށް ހުށަހަޅާފަ އެވެ. އަދި މެންޗެސްޓާ ސިޓީގެ މެނޭޖްމަންޓުން ވެސް ވަނީ ފެބްރިގާސްއަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ،
ފަސްއަހަރުގެ ކޮންޓްރެކްޓެއްގައި މީގެ ދެއަހަރު ކުރިން ބާސާއަށް ސޮއި ކުރި ފެބްރިގާސް ހޯދުމަށް މެންޗެސްޓާގެ ދެކުލަބުގެ އިތުރުން ދެން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފެބްރިގާސްގެ ކުރީގެ ކުލަބް އާސެނަލް އިންނެވެ.
އުމުރުން 16 އަހަރުގައި ބާސެލޯނާގެ ޔޫތު ޓީމަށް ވެސް ކުޅުނު ފެބްރިގާސް އާސެނަލްއަށް ކުޅުނު ދުވަސްވަރު އޭނަ ވަނީ ޖުމްލަ 303 މެޗް ކުޅެދީ 57 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.