30 May 2013, 11:16
ބައިނަލްއަގްވާމީ ރަޙްމަތްތެރި ކަމުގެ މެޗެއްގައި ރޭ އިނގިރޭސި ވިލާތުގެ ވެމްބްލީގައި އެގައުމާއި ރިޕަބްލިކް އޮފް އަޔަލެންޑް ވާދަ ކުރި މެޗު 1-1ން ދެ ޓީމު އެއްވަރު ވެއްޖެ އެވެ.
އަޔަލެންޑުގެ ލެންސްޑޯން ރޯޑުގައި 1995ގައި މިދެޓީމު ބައްދަކު ކޮށް ބޮޑު ހަމަނުޖެހުމެއް އުފެދުނު މެޗަށްފަހު ފުރަތަމަ ފަހަރަށް ދެ ޓީމު ކުޅުނު މެޗުގެ ކުރި ހޯދީ އަޔަލެންޑް އެވެ. އަޔަލެންޑަށް މެޗުގެ 13 ވަނަ މިނިޓުގައި ލަނޑު ޖަހައިދިނީ ޝޭން ލޯންގްއެވެ. އެހެން ނަމަވެސް މެޗުގެ 23 ވަނަ މިނިޓުގައި ޑެނީލް ސްޓްރިޖް ތަނަވަސް ކޮށްދިން ފުރުސަތަކުން ފްރޭންކް ލަމްޕާޑު ވަނީ އިންގުލެންޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ރޭގެ މެޗުގައި އިންގުލެންޑުގެ ކެޕްޓަން ބޭންޑު ހަވާލު ކޮށްފައި ވަނީ ޗެލްސީގެ ލެފްޓް ބެކް އޭޝްލީ ކޯލްއާއެވެ. އެއީ އޭނާ އިނގިރޭސި ގައުމީ ޓީމަށް 100 މެޗު ކުޅުން ފާހަގަ ކުރުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ރޭގެ މެޗަކީ ކޯލް ގައުމީ ޓީމަށް ކުޅުނު 102 ވަނަ މެޗެވެ.
ރޭގެ މެޗު އެއްވަރު ވުމުން އިންގުލެންޑް އަތުން އައިރިޝް ބަލިނުވާތާ ފަސް މެޗު ހަމަވީއެވެ. އަޔަލެންޑު އަތުން އިނގިރޭސީން އެންމެ ފަހުން މޮޅުވެފައި ވަނީ 1985 ވަނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހު 2-1 ލަނޑުން ނެވެ.