30 May 2013, 10:46
ޖެނީވާ (މޭ 30): ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ބޭރުގެ ހަނގުރާމަވެރިންނާއި ހަނގުރާމަވެރި ޖަމާއަތްތައް ވަންނަމުންދާތީ އެކަން ކުށްވެރިކޮށް އިންސާނީ ހައްޤުތަކާ ބެހޭ އދ.ގެ ކައުންސިލުން ޤަރާރެއް ފާސްކޮށްފި އެވެ.
ޖެނީވާގައި ކުރިޔަށްދާ އެކައުންސިލްގެ 23 ވަނަ ސެޝަނުން ފާސްކުރި މި ޤަރާރު ހުށަހަޅާފައި ވަނީ އެމެރިކާއާއި ޤަތަރާއި އަދި ތުރުކީވިލާތް ގުޅިގެންނެވެ. އިންސާނީ ހައްޤުތަކާބެހޭ އދ.ގެ ކައުންސިލްގައި ހިމެނޭ 47 ގައުމުގެ ތެރޭން 36 ގައުމެއް މިޤަރާރާ އެއްކޮޅަށް ވޯޓު ދީފައިވާއިރު މިޤަރާރާ ދެކޮޅަށް ވޯޓުދީފައި ވަނީ ހަމައެކަނި ވެނެޒުއެލާއިންނެވެ. އިތުރު އަށް ގައުމަކުން ވޯޓުގައި ބައިވެރިވެފައިނުވެ އެވެ. މިގަރާރާ ދެކޮޅުކަން ރަޝިޔާ އާއި ޗައިނާ ހާމަކޮށްފައިވީ ނަމަވެސް މިކައުންސިލްގެ 23 ވަނަ ސެޝަންގައި ވޯޓު ދިނުމުގެ ޙައްޤު އެދެގައުމަށް ލިބިފައިނުވާތީ އެ ދެ ގައުމުން ވޯޓުގައި ބައިވެރިވެފައެއްނުވެ އެވެ.
މިޤަރާރުގައި ސޫރިޔާ ސިފައިންނާ ގުޅިގެން ބޭރުގެ ހަނގުރާމަވެރިން ސޫރިޔާގައި ޙަރަކާތްތެރިވަމުން ދާކަމަށްބުނެ އެކަން ކުށްވެރިކޮށްފައިވެ އެވެ. ޚާއްސަކޮށް ސޫރިޔާގެ އަލްޤަސީރުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ބައިވެރިވާ ކަމަށް ނުސީދާގޮތެއްގައި ބުނެފައިވެ އެވެ. ނަމަވެސް ހިޒްބުﷲގެ ނަން ޤަރާރުގައި ހާމަކޮށްފައެއް ނުވެ އެވެ. މިޤަރާރަށް ރަޝިޔާވަނީ ފާޑުކިޔާފަ އެވެ. ރަޝިޔާގެ ޚާރިޖީ ވަޒރު ސަރްގީ ލާވްރޯވް ވަނީ މިޤަރާރުގެ ސަބަބުން ސޫރިޔާ އަށް ސުލްހަ ގެނައުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ނާކާމިޔާބުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ނަމަވެސް މިޤަރާރު ފާސްކުރުމުގެ ކުރިން ރަޝިޔާގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަތަކަށް އެމެރިކާގެ މަންދޫބާ އީލީން ޗެމްބަލިން ވަނީ ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުވީ މިޤަރާރުގެ ސަބަބުން ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް މިޤަރާރުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގައެވެ. އިންސާނީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ކައުންސިލުން ފާސްކުރާ ޤަރާރުތަކަކީ އެއަށް ޢަމަލުކުރަން ގައުމުތަކަށް މަޖްބޫރުކުރެވޭގޮތަށް އޮންނަ ޤަރާރުތަކެއްނޫނެވެ.
ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ ސޫރިޔާ ސަރުކާރު ސިފައިންނަށް އެހީތެރިވުމުގައި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ބައިވެރިވާއިރު ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ސަފުތަކުގައި ލުބްނާނުގެ ސުންނީ ހަނގުރާމަވެރިންވެސް ބައިވެރިވާ ކަމަށް ޚަބަރުލިބެ އެވެ.(އަލްޖަޒީރާ)