30 May 2013, 10:39
އިސްލާމްއާބާދު (މޭ 30): ޕާކިސްތާނުގެ ވަޒީރުސްތާނަށް ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން އެމެރިކާ ދިން ވައިގެ ޙަމަލާތަކެއްގައި އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާންގެ ދެވަނައަށް އެންމެ އިސްވެރިޔާ ވަލިއްޔުއްރަޙްމާން މަރުވެއްޖެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ޕާކިސްތާނުގެ އަމްނާބެހޭ ފަރާތްތަކުން ބުނީ ޕައިލެޓަކާނުލާ ދަތުރުކުރާ ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން އެމެރިކާ ޕާކިސްތާނުގެ ޤަބީލާތަކުގެ ސަރަހައްދު ކަމަށްވާ ވަޒީރުސްތާނަށް އިއްޔެ ވަރުގަދަ ޙަމަލާތަކެއްދިން ކަމަށާއި މިޙަމަލާތަކުގައި މަރުވި ހަތް މީހުންގެ ތެރޭގައި ވަލިއްޔުއްރަޙްމާން ހިމެނޭ ކަމުގަ އެވެ. ނަމަވެސް ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އިއްޔެ އެމެރިކާ ދިން ޙަމަލާތަކުގައި ވަލިއްޔުއްރަޙްމާން މަރުވިކަން އަދި މުޅިން ކަށަވަރެއް ނުވެ އެވެ.
ވަލިއްޔުއްރަޙްމާނަކީ ތާލިބާނުންގެ ޒަޢީމް ޙަކީމުﷲ މަޙްސޫދުގެ ނައިބެވެ. ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ތާލިބާނުން ކުރަމުންގެންދާ ހަނގުރާމައިގާ ވަލިއްޔުއްރަޙްމާނަކީ ޢަމަލީ ގޮތުން ޙަރަކާތްތެރިވާ ފީލްޑް ކޮމާންޑަރެއް ކަމަށް ޕާކިސްތާން ސަރުކާރުން ބުނެ އެވެ. ތާލިބާނުންގެ ތަރްޖަމާނަކު ވިދާޅުވީ އެމެރިކާގެ ޙަމަލާއެއްގައި ވަލިއްޔުއްރަޙްމާން މަރުވިކަމުގެ މަޢްލޫމާތު ލިބިފައިވާކަމަށާ އެކަންއަދި ކަށަވަރުނުވާ ކަމުގަ އެވެ.
ދެހާސް ނުވަ ވަނަ އަހަރު އަފްޣާނިސްތާނުގައި އެމެރިކާގެ ޖާސޫސީ ހަތް އެޖެންޓަކު މަރާލި ބޮމުގެ ހަމަލާގެ ފަހަތުގައި ވަލިއްޔުއްރަޙްމާން ވާކަމަށް އެމެރިކާ ތުހުމަތުކުރެ އެވެ. އަދި އޭނާހައްޔަރު ކުރެވޭފަދަ މަޢްލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް ފަސް މިލިޔަން ޑޮލަރުގެ އިނާމެއް ވެސް އެމެރިކާ ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ވަލިއްޔުއްރަޙްމާން އިސްކޮށް ހުންނަވައިގެން ތާލިބާނުން ހިންގަމުން ގެންދާ ބޮންގޮއްވުމާއި ބަޑީގެ ޙަމަލާތަކުގައި ގިނައިން މަރުވެ އަދި ޒަޚަމްވެފައި ވަނީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ މީހުންނާއި ޕާކިސްތާނުގެ ކުށެއްނެތް ޢާންމު ރައްޔިތުން ކަމަށް ޕާކިސްތާނުން ބުނެ އެވެ.
ޕާކިސްތާނުގެ ޖާސޫސީ ފަރާތްތަކުން ޕާކިސްތާން ތާލިބާނުންގެ ގިނަ ލީޑަރުންނަކީ އެމެރިކާގެ އެޖެންޓުން ކަމަށް ތުހުމަތުކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)