ރާއްޖެއާއި ސްރީލަންކާއާ އެކު ކުރަމުން އަންނަ ވިޔަފާރި ދެގުނައަށް އިތުރުކުރަން ބޭނުންވާ ކަމަށް ތައިލެންޑްގެ ކޮމާސް މިނިސްޓަރު ބޫންސޮން ޓެރިޔަޕިރަމް ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ދަ ނޭޝަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ބޫންސޮން ވިދާޅުވިކަމަށް އެނޫހުން ބުނީ އާ މާކެޓްތައް ހޯދުމަށް ތައިލެންޑުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖެއާއި ސްރީލަންކާއާ އެކު ކުރާ ވިޔަފާރި އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖެ އަށާއި ސްރީލަންކާ އަށް ކުރައްވާ ދަތުރުފުޅެއްގައި ތައިލެންޑްގެ ބޮޑުވަޒީރު ޔިންލަކް ސިނަވަޓްރާ މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ބޫންސޮންއާ ހަވާލާދީ ނޫހުގައިވެ އެވެ.

މާދަމާ އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރައްވާ އެދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ތައިލެންޑް ސަރުކާރުގެ ވިޔަފާރިއާ ބެހޭ އެޖެންސީތަކާއި އެ ގައުމުގެ އަމިއްލަ ކުންފުނިތަކުގެ އިސްފަރާތްތައް ހިމެނޭ ވަފުދެއް ބައިވެރިކުރައްވާނެ އެވެ.

ދަ ނޭޝަން އަށް ދެއްވި އިންޓަވިއުގައި ބޫންސޮން އަދި ވިދާޅުވެފައި ވަނީ ވިޔަފާރީއާއި އިގުތިސާދީ ކަންކަމުގައި އެއްބާރުލުމުގެ އެއްބަސްވުމެއްގައި ރާއްޖޭގެ އިކޮނޮމިކް ޑީވެލޮޕްމެންޓް މިނިސްޓަރާ އެކު ސޮއިކުރައްވާނެ ކަމަށެވެ.

ރާއްޖެއާ އެކުގުޅުން ބަދަހިކުރާނެ ދާއިރާތަކުގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައި ވަނީ ޓޫރިޒަމާއި ތައުލީމާއި ސިއްހަތާއި ދަނޑުވެރިކަމާއި ކާނާ އުފެއްދުމާއި އިމާރާތްކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމުގެ ދާއިރާއެވެ.

ތައިލެންޑްގެ ޓްރޭޑް ނެގޯޝިއޭޝަންސް ޑިޕާޓްމެންޓް އިން އާއްމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ސްރީލަންކާ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ތައިލެންޑާ އެކު ހަތަރު ވަނަ އަށް އެންމެ ގިނަ ވިޔަފާރި ކުރާ ގައުމެވެ. އަދި ރާއްޖެއަކީ 10 ވަނައަށް އެންމެ ގިނަ ވިޔަފާރިކުރާ ގައުމެވެ.